ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ނަން މަޝްހޫރު ޖޯޑެވެ. އެ މީހުންގެ ލޯބީގެ ގުޅުމަށް މީޑިއާގައި ފާޅުކޮށް ދެ މީހުންކުރެ އެކަކު ވެސް އެއްބަސްނުވި ނަމަވެސް އެ މީހުން އެކުގައި ފެންނަ ފެނިލުންތަކުގެ ސަބަބުން އެކަން އިތުރަށް ޔަގީންވެ އެވެ.
ރަންބީރްއާއި އާލިއާގެ ގުޅުމަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު އެ ދެ މީހުންގެ ކައިވެނީގެ އަޑުތަކަކީ ދޭތެރެ ދޭތެރެއިން ގަދަވާ އަޑުތަކެކެވެ. އާލިއާ ވަނީ ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރުގެ ދުނިޔޭގައި އެ އާއިލާއާއެކު ގިނަ ވަގުތުތަކެއް ހޭދަ ކޮށްފަ އެވެ.
އެގޮތުން އަނެއްކާ ވެސް މި ވަނީ އެ ދެ މީހުންގެ ކައިވެނީގެ އަޑުތައް ގަދަވެފަ އެވެ. އެކަމުގެ ސަބަބަކަށްވީ ރަންބީރުގެ މަންމަ ނީތޫ ކަޕޫރު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯ އެކެވެ.
ނީތޫ ހިއްސާކުރި ސެލްފީ ފޮޓޯގައި އޭނާއާއެކު އާލިއާގެ މަންމަ ސޯނީ ރަޒްދާންގެ އިތުރުން އިތުރު ދެ ރަހުމަތްތެރިން ފެނިގެންދެ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ރަންބީރު އާއި އާލިއާގެ މަންމަ އެކީގައި އުޅެނީ އެދެ މީހުންގެ ކައިވެނީގެ ތައްޔާރީތަކުގައި ކަމަށް ބުނެ އެކަމާ ސުވާލު އުފައްދާފަ އެވެ.
މި ވާހަކަތަކަކީ ތެދުކަމުގައި ވާނަމަ ރަންބީރު- އާލިއާގެ ކައިވެނި އޮތީ މާދުރުގައި ނޫން ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.
ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރައްމާސްތުރަ އިން އެކުގަ އެވެ.