މިއިން ޒަމާނަކު ވެސް ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވަންނަ މިހާރު ވަނުމުގެ ސަބަބުން އެ އިދާރާގެ ކަންކަން ވަނީ ބޮއްސުންލައިފި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ ވަރަށް ކުއްލި ގޮތަށް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރުން ބަދަލުކޮށް އެ ބަދަލު މީޑިއާއަށް އާންމުކުރުމާ ގުޅިގެންނެވެ.

މީގެ ކުރިން ސިފައިންގެ އެތެރޭގެ މިފަދަ ބަދަލުތައް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ފަހަރުގެ ބަދަލު އާންމުކުރީ މި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅުވައި ބައެއް ފަރާތްތަކުން ސިފައިންނާއި ސިފައިންގެ އިސްވެރިންނަށް ތަފާތު ތުހުމަތުތައް ކުރަމުންދާތީ އެކަމުގެ ޕްރެޝަރުގަ އެވެ.

އަލަށް އެސްޕީޖީގެ ކޮމާންޑަރަކަށް ހަމަޖައްސަވާފައި ވަނީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. މުއިއްޒުއަކީ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް މިއަހަރު އަލުން ވަޒީފާދޭން ކޯޓުން ހުކުމްކުރި ބޭފުޅެކެވެ. އެސްޕީޖީގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައި ވަނީ މޭޖާ މޫސާ ރަމީޒެވެ.

އެކަމަށް އިޝަރާތްކުރައްވާ ޝަރީފު ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ، އެމްއެންޑީއެފް ހަމަޔަކަށް އަޅުވަަން އެންމެ ބޮޑަށް ކުރަންވީކަމަކީ ގަވާއިދުތައް ތަންފީޒުކޮށް އުސޫލުތައް ދެމެހެއްޓުން ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަރުމާ ކުރި އަސްކަރީ ކޯޓްގެ ބިލް ފާސްކުރުން ޖެހޭ ކަމަށެވެ.

ފުރަތަމަ ފަހަރަށް އަސްކަރީ ކޯޓެއް އުފެއްދުމަށް ކަމާ ގުޅޭ ބިލްގެ ޑްރާފްޓް ނިންމައި، އެ ބިލް އޭޖީ އޮފީހަށް ފޮނުވީ އާދަމް ޝަރީފްގެ މިނިސްޓަރު ކަމުގައެވެ. އެފަދަ ކޯޓެއްގެ ސަބަބުން ސިފައިންގެ ވަޒީފާތަކުގައި ތިބެ ހިންގާ އެކި ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް ފަސޭހަވެގެން ދާނެ ކަމަށް ޝަރީފް އޭރު ވަނީ ވިދާޅުވެފަ އެވެ.