ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މަރުގެ މައްސަލަ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބޮލަށް ޖަހާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނިމިކް މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހެލްތު މިނިސްޓަރު ނަސީމްގެ ބޮލަށް މުޅި މައްސަލަ ކަނޑާލުމަށްފަހު ރައީސް ސޯލިހު އާއި ވަޒީރުން ގެއްލުމުން މިކަން ހައްލުވާނެތޯ ސުވާލު ކުރައްވަފަ އެވެ.

”ތުއްތު ދަރިފުޅު ވަނީ ދުނިޔެއާއި އަލްވަދާޢު ކިޔާފަ، އާއިލާއާއި މުޅި ޤައުމު ރޮއްވާފަ! ކުޑަމިނުން މިއޮއްބޮޑު ހިތާމާގައި ރައީސުލްޖުމްހޫރިއްޔާއަށް ބަހެއް ބުނެލަން ނުކެރުނު!؟” ސައީދު ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ 9:00 ހާއިރު މިޝްކާގެ ހާލުދެރަވެފައިވާއިރު މިޝްކާ އޭރު ހުރީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އާއިލާއާއިއެކު ކަރަންޓީނުގަ އެވެ. އެ ވަގުތާ ޖެހެންދެން ވެސް މިޝްކާގެ ހާލު ރަނގަޅު ކަމަށާއި އޭނާގެ ހާލު ގޯސްވީ އެރޭ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދި ހާލަތު ގޯސްވުމާއި ގުޅިގެން ހަމަ އެވަގުތު އެމްބިއުލާންސަށް ގުޅިން ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްބިއުލާންސަށް އާދެވުނީ ދެ ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުންނެވެ. އާއިލާއިން ތަކުރާރުކޮށް ގުޅުމުން ވެސް ދިނީ އެއް ޖަވާބެކެވެ. އެއީ ކުޑަ އިރުކޮޅެއް ތެރޭގައި އެމްބިއުލާންސް ދާނެ ކަމަށެވެ.

މިޝްކާ މަރުވު މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނައިރު މިނިސްޓަރު ނަސީމް ވިދާޅުވެފައި ވަނީ އެކަމުގައި އިހްމާލުތަކެއް އެބަހުރި ކަމަށާއި އެމައްސަލަތައް ބެލުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިހާރުވެސް އެމްބިއުލާންސް މައްސަލަތައް ހައްލު ކުރުމަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަމެއް ނޫސްވެރިން ސުވާލުކުރުމުން ވެސް ޖަވާބެއް ދީފައިނުވެ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޝްކާގެ މަރުގެ ރިޕޯޓް އެރެއަށް ނިންމާ އިއްޔެގެ އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ނަސީމް ވިދާޅުވި ގޮތަށް އިއްޔެ އެ ރިޕޯޓް އާންމުކޮށްފައި ނުވާތީ ސޯޝަލް މީޑިއާގައި އާންމުން ގެންދަނީ އެ ރިޕޯޓް ކޮބައިތޯ ސުވާލު ކުރަމުންނެވެ. ރިޕޯޓް އާންމު ކުރުމަށް އިއްޔެ ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ކުރިން މަސައްކަތް ކުރި ކަމަށް އެނގިފައިވެ އެވެ.

އާންމުންގެ ސުވާލުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް ބަލީގައި އުމުރުން 10 އަހަރުގެ މިޝްކާ މަރުވުމާ ގުޅިގެން ހަދަމުން ގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.