ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބިނާކުރި 7،000 ފުލެޓު ހައްގުވާ ފަރާތްތަކުގެ ލިސްޓު މި ސަރުކާރުން ހާމަކުރަމުންދާ ގޮތަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރުން ލިސްޓު ނެރެމުންދަނީ ފުލެޓު ލިބުމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓުގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެހެން އިއުލާނެއްގައި ކޮންމެ ކެޓަގަރީއަކުން ދެނީ ކިތައް ފުލެޓުކަން ސަރުކާރުން ހާމަކޮށްފައިވާ ކަމުގައި ވެސް ޑރ.މުއިއްޒު އެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ.

ކުރީގެ މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން އިއުލާނުކުރަމުންދާ ފުލެޓުތަކަށް ޝަރުތު ހަމަވި ފަރާތްތަކުގެ ލިސްޓުގައި، ކެޓަގަރީތަކުން ފުލެޓު ލިބޭ އަދަދު ކަމަށް ސަރުކާރުން ބަޔާންކޮށްފައިވާ އަދަދަށްވުރެ ތިރިން ތަރުތީބު ނަންބަރު ލިބިފައިވާ އެއްވެސް ފަރާތަކަަށް ފުލެޓު ނުލިބޭނެ އެވެ.

އޭގެ މިސާލެއް ވެސް ޑރ. މުއިއްޒު ދެއްކެވި އެވެ. އެގޮތުން އެޗް-8 ލިސްޓު ނުވަތަ މާލެ ރަށްވެހިންގެ ކެޓަގަރީގައި 1773 ވަނަ ނަންބަރަށްވުރެ ފަހަތުން ތަރުތީބުވެގެން އަންނަ ނަންބަރެއް ލިބިވަޑައިގެންފައިވާ އެއްވެސް ބޭފުޅަކީ ފުލެޓު ލިބިވަޑައިގަތް ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ޝަރުތު ހަމަވާ މީހުންގެ ލިސްޓުގެ ގޮތުގައި ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ހާމަކުރުމުގެ ސަބަބުން، ރައްޔިތުންނަށް މިކަން ވަމުންދާ ގޮތް ވަރަށް ބޮޑަށް އޮޅެމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ.

ހިޔާ ފްލެޓް ދިނުމުގައި ޝަރުތު ހަމަނުވާ ބައެއް މީހުންނަށް ދީފައިވާ ކަމަށް ބުނެ ވަނީ ކުރިން ފްލެޓް ލިބުނު ބައެއް މީހުން ލިސްޓުން އުނިކޮށްފަ އެވެ. އެއާއެކު ކުރީ ސަރުކާރުން ފުލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތައް ބަދަލުކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާއިލާތަކާއި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ދިން ފުލެޓުގެ އަދަދު މަދުކޮށް މާލެ ރަށްވެހިންނަށް ދޭ ފުލެޓުގެ އަދަދު ސަރުކާރުންވަނީ 70 ޕަސެންޓް އިތުރުކޮށްފަ އެވެ.

މުއިއްޒުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ހިޔާ ފްލެޓްތައް ލިބެނީ ޖުމްލަ 4،025 މީހަކަށެވެ.