އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅެމުން އައި ކޮލީން ޑިސްޓިންއަށް އޭނާގެ ވޮލެޓް ގެއްލުނީ 1974 ވަނަ އަހަރު އެ ސަރަހައްދުގެ މޫވީ ތިއޭޓަރެއްގެ ތެރެއަށެވެ.

އޭގެ ހާދިސާއަށް 46 އަހަރު ފަހުން ކޮލީން އެ ވޮލެޓް މިވަނީ މޫވީ ތިއޭޓަރުގެ މަތާރަން ފިލާ މަތިން ފެނިފަ އެވެ.

ކޮވިޑް- 19 ޕެންޑެމިކް ތެރޭގައި އެ ތިއޭޓަރުގައި އާބާތުރަ ފިލުވުމުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް އެވޮލެޓް ފެނުނީ ތިއޭޓަރުގެ މުވައްޒަފުންނަށެވެ.

މަސައްކަތް ކުރިއިރު ކުނިތަކެއްގެ ތެރެއިން ވަރަށް ދުވަސްވެފައިވާ ރަތް ކުލައިގެ ވޮލެޓެއް ފެނުނު ކަމަށާއި ވޮލެޓްގައި ފޮޓޯތަކަކާއި މިއުޒިކް ކޮންސަޓް ޓިކެޓެއްގެ އިތުރުން ވޮލެޓްގެ ވެރިޔާގެ ނަން ފެނިފައިވާކަމަށް ތިއޭޓަރުގެ މުވައްޒަފެއް ކަމަށްވާ ޓޮމް ސްޓީވަންސް ބުންޏެވެ.

"ވޮލެޓްގައި ވަރަށް އަގުބޮޑު ތަކެތި ހުރި. ދެން އަހަރުމެން ތިއޭޓަރުގެ ސޯޝަލް މީޑިއާގައި ޖެހިން ކޮލީންގެ ޚަބަރު އެނގޭ މީހަކު ފެނޭތޯ،" ސްޓީވަންސް ބުންޏެވެ.

ފޭސްބުކްގައި އެ ވޮލެޓްގެ ވާހަކަ ހިއްސާ ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެ ވާހަކައަށް ލިބިގެންދިޔަ އެވެ. ސޯޝަލް މީޑިއާގައި ޕޯސްޓް ދައުރުވަމުން ގޮސް އެންމެ ފަހުން ވޮލެޓްގެ ވެރިޔާ ކޮލީން އަތުޖެހުނެވެ.

https://youtu.be/VV-5o9zQpK4

ވޮލެޓު އަނބުރާ ލިބުމުން ކޮލީން ހުރީ ވަރަށް އުފަލުންނެވެ. ހާއްސަކޮށް ވޮލެޓުން ފެނުނު ފޮޓޯތަކަކީ އޭނާގެ މަރުވެފައިވާ މަންމަގެ ފޮޓޯތަކަކަށް ވުމުން އެކަން އަދި ވަކިން ހާއްސަވި އެވެ.

"އަހަރެންގެ އިހުސާސްތައް ބުނެދޭންވެސް ނޭނގޭ. އިމޯނަޝަލް އަދި އުފާވެރި އިހުސާސްތަކެއް،" ކޮލީން ބުންޏެވެ.

ކޮލީން އަށް އޭނާގެ އަގުހުރި އެއްޗެއް ރައްދު ކުރުމުގައި ބައިވެރި ވެވުނީތީ ޓްމްސް ޓީވަންސް އާއި އޭނާގެ ޓީމުން ވެސް ތިބި ވަރަށް އުފާވެފަ އެވެ.