އިންސާނުން ގޮވައިގެން ޖައްވަށް ކުރާ ފުރަތަމަ ދަތުރުގައި އެމޭޒަންގެ ވެރިޔާ ޖެފް ބެޒޯސްއާއި އޭނާގެ ބޭބެ ބައިވެރި ވާނެ ކަމަށް ބުނެފި އެވެ.

ޖެފްގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޖައްވަށް ދިއުމަކީ އޭނާ އަބަދުވެސް ކުރާ ހިތްވާކަމެއް ކަމަށެވެ.

ޖެފްގެ ކުންފުނި ކަމަށްވާ ބްލޫ އޮރިޖިން އިން އުފައްދާފައިވާ މި ފްލައިޓްގައި ޖެފްއާއި ބޭބެގެ އިތުރުން ބައިވެރިވާނެ މީހަކު ހޯދުމަށްޓަކައި ވަނީ ނީލަމަށް ލާފަ އެވެ.

މި ފުލައިޓް ޝެޑިއުލް ކުރެވިފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ޖެފް މި ދަތުރުގައި ބައިވެރިވާނީ އެމޭޒަންގެ ސީއީއޯ ކަމުން އޭނާ އިސްތިއުފާ ދޭތާ 15 ދުވަސް ފަހުންނެވެ.

ބްލޫ އޮރިޖިންސް އިން އުފައްދާފައިވާ ހަ މީހުންގެ ޖާގައިގެ ޖައްވީ އުނޅަދުގެ ފުރަތަމަ ދަތުރަށް ތައްޔާރު ވަމުންދާއިރު އެފަދަ އެހެން ދަތުރުތަކުގެ ޓިކެޓް ވިއްކާނެ އަގެއް އަދި އެ ކުންފުނިން ހަމަޖައްސާފައެއް ނުވެ އެވެ.

ޖެފްއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. -- ސީއެންއެން