ނިއުދިއްލީ (7 ޖޫން) - އިންޑިއާގެ ކޮވިޑް ބަލި މީހުންނަށް މާ މަތީ ޑޯޒުތަކުގެ އެންޓިބައޮޓިކް ދިނުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެ ގައުމުގެ އާބާދީއަށް އެންޓިބައޮޓިކް މަސައްކަތް ނުކުރާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ފާޅުކޮށްފި އެވެ.

އިންޑިއާގައި ކޮވިޑްގެ ސަބަބުން ހާލު ދެރަވެ އެންޓިބައޮޓިކް ދޭންޖެހޭ މީހުން ވަނީ އިންތިހާއަށް ގިނަވެފަ އެވެ. އަދި މިފަދަ މީހުން ކޮވިޑުން ރަނގަޅުވުމަށް ފަހު ޖެހޭ ވައިރަލް އަދި ފަންގަލް އިންފެކްޝަންތަކަށް ފަރުވާއެއްގެ ގޮތުގައި އެންޓިބައޮޓިކް މަސައްކަތް ނުކުރާނެ ކަމަށް މާހިރުން ބުނެ އެވެ.

އިންޑިއާގެ އާބާދީއަކީ މިހާރު ވެސް އެންޓިބައޮޓިކްސްއިން މަސައްކަތް ނުކުރާ އާބާދީއަކަށް ވީއިރު، ކޮވިޑްގެ ސަބަބުން އެ މިންވަރު އިތުރުވެދާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ.

ކޮވިޑުން ރަނގަޅުވުމަށް ފަހު ވައިރަލް ނުވަތަ ފަންގަލް އިންފެކްޝަން ޖެހޭ މީހުންގެ އަދަދު ވެސް އިންޑިއާގައި ދަނީ ގިނަވަމުންނެވެ. ކަންތައް މިހެން އޮތްއިރު، އެ މީހުން އެންޓިބައޮޓިކްސްގެ ފަރުވާއިން ރަނގަޅުނުވުމަކީ އެ ގައުމުގައި އިތުރު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ.

މީގެ އިތުރުން ކޮވިޑު ޖެހޭ ހަކުރު ބަލި ހުންނަ މީހުންނަށް ދެވޭ ސްޓީރޮއިޑް ފަރުވާގެ ސަބަބުން އެފަދަ މީހުންގެ ދިފާއީ ނިޒާމު ބަލިކަށިވެ، ނުރައްކާތެރި ބައްޔެއް ކަމަށްވާ ބްލެކް ފަންގަސްއަށް ހުށަހެޅޭ މިންވަރު އިތުރުވުމަކީ ވެސް އިންޑިއާގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް ކޮވިޑަށް ފަހު، އެ ގައުމުގެ އާބާދީގެ ސިއްހަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. --ދަ ސަޓްރެއިޓް ޓައިމްސް