ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެދުނު ގޮތަށް ޝަރީއަރް ކުރިއަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދެކޮޅު ހަދައިފި އެވެ.

ކްރިމިނަލް ކޯޓަށް އަލީ ވަހީދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އޭނާގެ ޝަރީއަތް އޮންލައިންކޮށް ބާއްވައި ދިނުމަށެވެ. މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ގާޒީން އަދި ވަކިގޮތެއް ނުނިންމަ އެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްސަލައެއް، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ. އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އަދި މި އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތީ، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އެ ގޮތަށް އެ އަމުރު ބާތިލް ކުރީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ވެސް ކޯޓަށް ހުށަހަޅައިގެންނެވެ.

ހަތަރު މަސް ދުވަހަށް އޮތް އެ އެއްބަސްވުން ހަމަވަނީ މިއަދު އެވެ.

ޕީޖީ އޮފީހުން ރާއްޖޭގެ އޮޮންލައން ނޫހަކަށް މައުލޫމާތު ދެމުން ބުނީ، އަލީ ވަހީދު އެދުނުގޮތަށް ވީޑިއޯ ކޮންފަރަންސްކޮށް ޝަރީއަތް ބޭއްވޭނެ ކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ.އެ ގޮތަށް ދެކެނީ އަލީ ވަހީދު މަވަގުތު ހުންނެވީ ރާއްޖޭގެ ގާނުނު ހިގާ ހިސާބެއްގައި ކަމަށް ނުވުމުންނެވެ. އެއަށްވުރެ އިތުރަށް ޕީޖީ އޮފީހުން އެ ނޫހަށް މައުލޫމާތު ދިނުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.