ނިއު ޔޯކް (12 ޖޫން) - އެމެރިކާގެ މަސްވެރިއަކު ޑިނގާ ހޮވަން މޫދަށް އެރި އުޅެނިކޮށް ބޮޑުމަހެއް އޭނާ ދިރުވާލައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ބޮޑު މަހެއްގެ ޝިކާރައަކަށް ވެފައި ވަނީ އެމެރިކާގެ މައިކަލް ޕަކާޑު ކިޔާ މީހެކެވެ.
އޭނާއަށް ކުރިމަތި ވި ހާދިސާ ސިފަކޮށްދެމުން މައިކަލް ބުނީ ޑިނގާ ހޮވަން ފީނަމުން ދަނިކޮށް ކުއްލިއަކަށް އައި ބޮޑު އޮއިގަނޑަކާއެކު ދެން އޭނާއަށް ފެނުނީ ކަނު އަނދިރިކަން ކަމަށެވެ. އެއީ ކަނޑުގެ ދިހަ މީޓަރު އަޑިން ކަމަށް އޭނާ ބުންޏެވެ.
ހަމަލާދިނީ މިޔަރެއް ކަމަށް ފުރަމަތަ އޭނާއަށް ހީވި ނަމަވެސް އޭގެ އަނގައިގާ ދަތް ނެތުމާއި އެކަމުގެ ތެރޭގައި އޭނާއަށް އެއްވެސް ކަހަލަ އަނިޔާއެއް ނުލިބުމުގެ ސަބަބުން އެއީ މިޔަރެއްގެ ހަމަލާއެން ނޫށްކަން އެނގުނު ކަމަށް މައިކަލް ބުންޏެވެ.
ބޮޑުމަސް މައިކަލް ބޭރަށް އެއްލާލުމުގެ ކުރިން 30-40 ސިކުންތުގެ ވަގުތުކޮޅެއް ބޮޑުމަހުގެ ކަރުތެރޭގައި ތާށިވެފައި އޮވެވުނު ކަމަށް މައިކަލް ބުންޏެވެ.
ފެނުން މައްޗަށް ބޮޑުމަސް އަރައި އިންސާނަކު ބޭރުކޮށްލިތަން މައިކަލް އާއެކު މަސްބާނަން ނުކުމެ އުޅުނު ޖޯސިއާ މާޔޯއަށް ފެނުނު ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ.
ކަނޑު މަހުގެ ދިރުންތަކާ ބެހޭ މަރުކަޒެއްގެ އިސްވެރިއަކު ބުނީ ބޮޑު މަހުގެ އަނގަޔަކީ ފުދޭވަރަކަށް ބޮޑު އަނގައެއް ނަމަވެސް، ކަރަކީ އެހާ ފުޅާކަރަކަށް ނުވާތީ އިންސާނަކު ދިރުވާލަން އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން މައިކަލް ދިރުވާލަން އުޅުނު ވަގުތު ކަރުގައި ތާށިވެގެން އަލުން ބޭރުކޮށްލީ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
ބޮޑު މަހުގެ ހަމަލާއަށް ފަހު މައިކަލް ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް