މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިން ބޭނުންކުރާނެ އާ އިހްރާމެއް ސައުދީ އަރަބިޔާއިން އީޖާދު ކޮށްފި އެވެ.

ސައުދީ އަރަބިޔާގެ އީޖާދު ވެރިއެއް ކަމަށްވާ ހަމަދު އަލް ޔަމީގެ ޑިޒައިނަކަށް ތައްޔާރުކުރި މި އިހްރާމަކީ 100 ޕަސެންޓް ކޮޓަން އިން އުފައްދާފައިވާ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިހްރާމެއް ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެ އެވެ.

ކޮވިޑް -19ގެ ހާލަތުގައި ހައްޖުގެ އަޅުކަމުގެ ތެރެއިން ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށް ދިނުމަށް ޑިޒައިންކޮށްފައިވާ މި އިހްރާމް ބޭނުން ކުރުމަށް އެ ގައުމުގެ އިދާރާތަކުން ލަފާދެ އެވެ.

ޕާކިސްތާނުގައި އުފައްދާފައިވާ މި އިހްރާމަކީ އިހްރާމްގެ ފޮތީގައި ބެކްޓީރިޔާ އާލާވުމުގެ ފުރުސަތު ކުޑަކޮށްދޭ އިހްރާމެކެވެ. އަދި އިހްރާމްގެ ޑިޒައިނަކީ ސައުދީ އަރަބިޔާގެ ސްޓޭންޑަޑްސް، މެޓްރޮލޮޖީ އެންޑް ކޮލިޓީ އޮގަނައިޒޭޝަންއިން ގަބޫލު ކޮށްފައިވާ އެ އޮގަނައިޒޭޝަންގެ ހަމަތަކާ އެއްގޮތަށް ޑިޒައިން ކޮށްފައިވާ އިހްރާމެކެވެ.

ހަރަމައިން ޝަރަފައިން ބުނީ 2030 ވަނަ އަހަރުގެ ނިޔަލަށް މި ތައާރަފްކުރި މި އިހްރާމް، އާދައިގެ އިހުރާމްގެ ބަދަލުގައި އާއްމުކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ.