މި ހަފްތާގައި ކޮވިޑު-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ލުއި ދިނަސްކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުން ފަދަ ބޮޑެތި ލުއިތައް ނުހިމެނޭނެ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށްރަށުން އެހެން ރަށްރަށަށް، ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަކީ ރާއްޖޭގައި މިހައިތަނަށް ދިން އެންމެ ބޮޑު ލުއިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މިދިޔަ މަހު ރާއްޖޭގައި ބަލިމަޑުކަމުގެ ހާލަތު ގޯސްވުމާ ހަމަައަށް އޮތް އުސޫލަކީ ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ތިން މަސް ދުވަސް ނުވާ މީހުން ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް އޮތުމެވެ.

ކަރަންޓީނާ ނުލައި ދަތުރު ކުރުމުގެ ހުއްދަ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދޭން ކުރިން ނިންމި އެވެ. އެކަމަކު ކޮވިޑްގެ ތިންވަނަ ރާޅެއް ރާއްޖެއަށް ކުރިމަތިވީ އެ އުސޫލަށް އަމަލުކުރަން އަދި ނުފަށައި އޮތްވަ އެވެ.

ކޮވިޑާ ދެކޮޅަށް އެންމެ ފަހުން އެޅި ފިޔަވަޅުތަށް މިރޭ ހަމަވާއިރު، ބައެއް ލުއިތައް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް މަބްރޫކް އިއްޔެ ވަނީ ވިދާޅުވެފަ އެވެ

އޭނާ ވިދާޅުވީ ދެވެން އޮތް ވަރަކަށް ލުއިދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ކަރަންޓީނާ ނުލައި ދަތުރުކުރުން ފަދަ ލުއިތައް ދެވޭ ވަރަށް ރާއްޖޭގެ ހާލަތު އަދި ރަނގަޅު ނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އަޅުގަނޑާ ވާހަކަދެއްކެވި އެއްވެސް ތަޖުރިބާކާރެއް ދެކެވަޑައެއް ނުގަންނަވާ އެ ހިސާބަށް އަދި ދެވުނު ކަމަކަށް. އެހެންވީމާ ލުއިތައް ދިނުމުގައިި ވެސް ރިފްލެކްޓްވާނެ އެކަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިދިޔަ މޭ މަހު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވި އެވެ. އޭރު އެގޮތަށް ކަންތައްތައް ދިމާވީ ދަތުރުކުރުުމުގައި ދިން ލުއިތަކާ އެކު އަތޮޅުތަކަށް ބަލި ފެތުރިގަތުމުންނެވެ. މިހާރު އަމަލުކުރަމުން އަންނަ ފިޔަވަޅުތައް އެޅީ އެހިސާބުންނެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 70،0301 އެވެ. އޭގެ ތެރެއިން 197 މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 9،335 އެވެ