ނިއު ދިއްލީ (16 ޖޫން) - އިންޑިއާގައި އެސްޓްރާޒެނެކާ ވެކްސިން ދިނުމުގައި ދެ ޑޯޒް ދެމެދުގައިވާ މުއްދަތު އިތުރު ކުރުމަށް ބޮޑުވަޒީރު މޯދީގެ ސަރުކާރުން ނިންމި ނިންމުތާއެކު އެ ގައުމުގެ މައި އިދިކޮޅު ޕާޓީ ކޮންގްރެސްއިން އެ ނިންމުމާމެދު ސުވާލު އުފައްދައިފި އެވެ.

އެގޮތުން މި ނިންމުމަކީ އިންޑިއާގައި ވެކްސިން ލިބުން ދަތިވުމުގެ ސަބަބުން އެޅި ފިޔަވަޅެއްތޯ އެ ޕާޓީ އިން ވަނީ ސަރުކާރަށް ސުވާލު ކުރިމަތި ކުރުވާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ސަރުކާރުން ވަނީ އެސްޓްރާ ޒެނެކާ ވެކްސިންގެ ދެ ޑޯޒު ޖެހުމުގައި ހޭދަވާ މުއްދަތު 12 ހަފުތާއިން 16 ހަފްތާއަށް އިތުރުކޮށްފަ އެވެ.

އެއާއެކު ކޮންގްރެސްގެ ލީޑަރުންނާއި އިސްވެރިން ވަނީ އެއީ އެ ގައުމަށް ކުރިމަތިވެފައިވާ ވެކްސިންގެ ދަތިކަން ފޮރުވައި، އެކަން ސިއްރު ކުރުމަށް ސަރުކާރުން ބޭނުންކުރާ އުކުޅެއް ކަމަށް ބުނެ ބޮޑުވަޒީރު މޯދީއަށާއި ސަރުކާރުގެ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

މި ނިންމުމުގެ ދިފާއުގައި އިންޑިއާގެ ސިއްހީ ވަޒީރު ހަރްޝް ވަރްދަން ވިދާޅުވީ ވެކްސިން ދެ ޑޯޒުގެ ދެމެދުގައި މުއްދަތު އިތުރުކުރީ ސައިންސްގެ ގޮތުން ބަލަންވާ ކަންތައްތައް ބެލުމަށްފަހު ކަމަށެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް