ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޔާމީ ގޯތަމް، އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަދި "ބާލާ" އަށް ސޮއި ކުރުމުގެ ކުރިން ބޮލީވުޑް ދޫކޮށްލުމަށް ނިންމައިގެން ހުރި ކަމަށް ހާމަކޮށްފި އެވެ.

"ފިލްމުފެއާ" އަށް ދިން އިންޓަވިއުއެއްގައި ޔާމީ ބުނީ، 2012 ވަނަ އަހަރު ނުކުތް އޭނާގެ ފުރަތަމަ ފިލްމު "ވިކީ ޑޯނާ" އަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، އެއަށްފަހު އިންޑަސްޓްރީން އެކަށީގެންވާ ރަނގަޅު ފުރުސަތުތަކެއް ނުލިބުނު ކަމަށެވެ.

ޔާމީ ހާމަކުރި ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން ރަނގަޅު ފިލްމީ ފުރުސަތުތަކެއް ނުލިބުމުން، އެކްޓް ކުރުން ހުއްޓާލައި އޭނާގެ އުފަން ރަށް ހިމާޗަލް ޕްރަދޭޝްއަށް އެނބުރި ގޮސް ދަނޑުވެރިކަމުގެ ތެރެއަށް ވަނުމަށް ނިންމި އެވެ.

"އުރީ އަދި ބާލާ ގެ ކުރިން، އިންޑަސްޓްރީ ދޫކޮށްލަން މުޅިން ނިންމައިގެން ހުރީ. ހިމާޗަލްގައި އަހަރެމެންގެ ދަނޑުބިންތައް ހުރޭ. މުޅިން އާ ދިރިއުޅުމެއް ފަށަން ނިންމި ހިނދު މައިންބަފައިންގެ ފުރިހަމަ އެއްބާރުލުން ލިބުނު. ކުއްލިއަކަށް 'އުރީ' އާއި 'ބާލާ' ލިބި، މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ." ޔަމީ ބުންޏެވެ.

ބޮލީވުޑުން ބޭރުން އައި މީހެއްގެ ގޮތުގައި ކުރިމަތިވި ގޮންޖެހުންތަކާ މެދު ވާހަ ކަދައްކަމުން ޔާމީ ބުނީ، ފިލްމީ އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް ފިލްމުތައް ނާކާމިޔާބު ވުމުންވެސް ތަކުރާރުކޮށް ފުރުސަތުތައް ލިބޭއިރު، އަމިއްލަ މަސައްކަތުން ނުކުންނަ މީހުންނަށް ކޮންމެ ފަހަރަކުވެސް އަމިއްލަ ގާބިލުކަން ސާބިތު ކޮށްދޭން ޖެހޭ ކަމަށެވެ.

އަދި ބައެއް ފިލްމުތަކުގެ ވާހަކަތައް ދެކެވުމަށްފަހު، އެއްވެސް އެންގުމަކާ ނުލައި ކުއްލިއަކަށް އެ ފުރުސަތުތައް ގެއްލިގެން ދިއުމުން ހިތާމަކުރި ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

ނަމަވެސް، މިހާރު ބޮލީވުޑްގެ ހާލަތު ބަދަލުވަމުންދާ ކަމަށާއި، މިހާރު ބެލުންތެރިން ބަލަނީ އެކްޓަރަކު އައީ ކޮން ތަނަކުންތޯ ނޫން ކަމަށް ޔާމީ ބުންޏެވެ.

ބެލުންތެރިން މިހާރު އިސްކަންދެނީ ރަނގަޅު އެކްޓިންއަށާއި މޮޅު ކޮންޓެންޓަށް ކަމަށާއި، މިއީ އާ ޖީލުގެ އެކްޓަރުންނަށް ލިބޭ ބޮޑު އުއްމީދެއް ކަމަށް އޭނާ ބުންޏެވެ.

2019 ވަނަ އަހަރު ނުކުތް "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަކީ ޔާމީގެ މިހާރުގެ ފިރިމީހާ އަދި ޑައިރެކްޓަރު އަދިތްޔާ ދަރް ޑައިރެކްޓްކުރި ފިލްމެކެވެ.

އެ ފިލްމާއި އަޔުޝްމަން ކުރާނާއާއެކު ކުޅުނު "ބާލާ" ވެގެންދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމަށެވެ.