ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގު ދެ ސަރުކާރުން ކުލީގެ އަގު ކަނޑައެޅުމުގައި ބަލާފައިވާ ކަންތައްތައް ހާމަކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އަހުމަދު ޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން ހިޔާ ފްލެޓްގެ އަގު ކަނޑައަޅާފައިވަނީ އިމާރާތްކުރުމުގެ ޚަރަދު އެއްކޮށް ހިމަނައި، ޔުނިޓަކަށް 62،000 ޑޮލަރުގެ ރޭޓުން ކަމަށެވެ. އަދި އިމާރާތްކުރުމުގެ މުއްދަތަށް އަރާނެކަމަށް ބެލެވޭ އިންޓްރެސްޓް އަދަދާއި، މާކެޓިން އަދި އިދާރީ ކަންތައްތަކަށް ވެސް ޚަރަދެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ޝާމް ވިދާޅުވީ ޕްރޮޖެކްޓް މެނޭޖްމެންޓާ، ބިމުގެ އަގު އަދި ފިނިޝިންއަށް ވެސް ވަކިވަރެއް އަގު ކުރުމުގައި ހިމަނާފައިވުމުން ފްލެޓްތަކުގެ ޖުމްލަ އަދަދަކަށް 8.6 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ. މި އަދަދު ހިޔާ ފްލެޓްގައި މީހުން ދިރިއުޅޭނެ 6،844 ޔުނިޓަށް ބަހާލުމުން 1.27 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭރު މި ފްލެޓްތަކަށް މަހުކުލީގެ ގޮތުގައި 5،600 ރުފިޔާ ހަމަޖެހިފައިވަނީ މި 1.27 މިލިޔަން ރުފިޔާގެ ތެރެއިން، ޑައުންޕޭމަންޓްގެ ގޮތުގައި 25،000 ރުފިޔާ ނަގާ ގޮތަށް ކަމަށް ޝާމް ވަނީ ފާހަގަކުރައްވާފަ އެވެ.
މިސަރުކާރުން ހިޔާ ފްލެޓްގެ ކުލި ކަނޑައެޅުމުގައި ބަލާފައިވާ ކަންތައްތަކާ މެދުގައި ޝާމް ވިދާޅުވީ މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ މަހުކުލި ހިސާބުކުރުމުގައި ގެންގުޅުނު އުސޫލަކީ ރައްޔިތުންނަށް ހަމައެކަނި ފޯރުކޮށްދޭނީ އިމާރާތްކުރުމަށް ދިޔަ ޚަރަދާއި އިމާރާތްކުރި އިރު ހިނގައިދިޔަ އިންޓްރެސްޓް އެކަނި ކަމަށެވެ.
އެހެން ހިސާބު ޖަހައިފިނަމަ، ކުރިން އޮތް 1.27 މިލިޔަން ރުފިޔާ އެއް މިލިޔަން 83،000 ރުފިޔާއަށް ކުޑަވެގެންދާ ކަމަށް ޝާމް ފާހަގަ ކުރެއްވި އެވެ.
ނަތީޖާއެއްގެ 1.83 މިލިޔަން ރުފިޔާ، 25 އަހަރުގެ ލޯނެއްގައި މިހާރު ނަގާފައިވާ ލޯނާއި ގާތް އަދަދެއްގެ އިންޓްރެސްޓް ރޭޓަކަށް އެޕްލައިކުރުމުން މަހުކުލީގެ ގޮތުގައި އަންނަ އަދަދަކީ 7،500 ރުފިޔާ ކަމަށް ޝާމް ވަނީ ވިދާޅުވެފަ އެވެ. މި ހިސާބު ޖެހިއިރު، އާންމުން އެތަނުގެ ފިނިޝިން މަސައްކަތްތައް ކުރަން ޖެހޭނެތީވެ، ޑައުންޕޭމަންޓް ހިމަނާފައި ނުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޝާމް އިތުރަށް ވިދާޅުވީ މަހު ކުލީގެ ގޮތުގައި 5،600 ރުފިޔާ ކަނޑައަޅައިފި ނަމަ، ލޯނުގެ ފުރިހަމަ އަދަދު އަނބުރާ ނުދެއްކޭނެ ކަމަށެވެ. އެފަދަ ހާލަތެއްގައި 2023 އާއި ހަމައަށް ޖުމްލަ 4.5 ބިލިޔަނެއްހާ ރުފިޔާ ސަރުކާރު ނުވަތަ އެޗްޑީސީގެ ބަޖެޓުން ލޯނު އަނބުރާ ދައްކަން އިތުރަށް ފައިނޭންސް ކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ އެންމެ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏާ ކަމަށެވެ. ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއިރު އެއަށް ވުރެ މާކުޑަ އަގު އެހެން ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މަޝްރޫއު ހިންގި ކުންފުންޏާއި ޖެހެގެން ދެން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ވެސް އެ ކުންފުންޏަށްވުރެ 10،000 ޑޮލަރު ކުޑަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ދެން ތިބި ފަރާތްތަކުން ހުށަހަޅާފައި ވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާ ދެމެދުގެ އަދެދެކެވެ.