ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަށަވަރުކޮށް ގެނެސްދެވުނީ ބަދަލުހިފުން އެކަނި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ މިހާރު ވެފައިވަނީ މިސަރުކާރަށް ބޮޑު އެސެޓަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުން ބަސްނާހައިފިނަމަ ގާނޫނުން ބިރުދައްކާ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ކަށަވަރުކޮށް ލިބިގެންދާ ހައްގަގީ ބަދަލު ހިފުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މެންބަރުންނާއި ވަޒީރުން ތިބީ މޯގޭޖްވެފައި. ބަސްނާހާ ކޮންމެ ފަހަރަކު ގާނޫނަށް ޑީފޯލްޓްވެ ދައުވާގެ ބިރު ބޯމަތިވޭ. ރައީސް ސޯލިހަށް ކަށަވަރުކޮށް ގެނެސްދެވުނީ ބަދަލުހިފުން އެކަނި، އެތެރެއިން ވެސް ބޭރުން ވެސް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުވާ ކުރުމަށް ފޮނުއްވާފައިވަނިކޮށް އެމައްސަލާގައި އިތުރު ލިޔުންތަކެއް ބޭނުންވާ ކަމަށް ޕީޖީ އޮފީހުން އޭސީސީއަށް އެދިފައިވަނިކޮށެވެ. އަދި މިކަމާ ގުޅިގެން މަހްލޫފު ވަނީ އޭސީސީގެ ރައީސް އިސްތިއުފާއަށް ވެސް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން މަހްލޫފު ވިދާޅުވީ އޭނާއަކީ އޭސީސީގެ ރައީސް ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށާއި ގާނޫނާއި ގަވައިދުގެ ތެރެއިން ކަންކަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.