ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި ދިވެހި ދައުލަތުން އެމީހުންނަށް ކުރާ ހަރަދު ހާމަނުކުރީ ގައުމީ ސަލާމަތަށް އޮތް ކޮން ނުރައްކަލަކާ ހުރެކަން ޑިފެންސް މިނިސްޓްރީ ހާމަ ކުރަން މިއަދު ދެކޮޅު ހަދައިފި އެވެ.

ޑިފެންސް މިނިސްޓްރީން އެގޮތަށް ބުނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް "ދިޔަރެސް" ނޫހުގެ ފަރާތުން ހުށަހެޅުމުން އެ މައުލޫމާތު ނުދިނުމުގެ ސަބަބުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން، އެ އޮފީހުން ބޭއްވި އަޑު އެހުމެއްގަ އެވެ.

އެ އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ސިމާހު ވިދާޅުވީ އިންޑިއާ ސިފައިންނާ ބެހޭ މައުލޫމާތު ހޯދުމަށް "ދިޔަރެސް" ނޫހުން އެދުމުން އެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅި ކަމަށެވެ. އެ މަޖިލީހުން މިއީ އާންމުކުރެވެން ނެތް މައުލޫމާތެއް ކަމަށް ބުނެފައިވާތީ އިތުރު މައުލޫމާތު ހޯދަން އުޅެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިމާހު ވިދާޅުވި ގޮތުގައި މިނިސްޓްރީ އަށް އެފަދަ މައުލޫތެއް ހޯދުމަށް ހުށަހެޅުމުން އެ މިނިސްޓްރީގެ އުސޫލުތައް އޮންނަ ގޮތުން މައުލޫމާތު އާންމުކުރެވޭނީ ސިފައިންގެ އާންމު މަޖިލީހުގައި އެކަމަށް އެދިގެންނެވެ. ސިފައިންގެ އާންމު މަޖިލީހަކީ ސިފައިންގެ އެންމެ އިސް ފަރާތްތައް ހިމެނޭ ސިޔާސީ ނުފޫޒެއް ނެތް މަޖިލީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާންމު ނުކުރެވޭނެ އެވެ. ސިމާހު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިންނާ ގުޅޭ މައުލޫމާތު ސިފައިންގެ ލަފާދޭ މަޖިލީހުން ހާމަކޮށްފައި ނުވަނީ ސިފައިންގެ ތެރޭގައި ހެދިފައި ހުރި އިންޓާނަލް ގަވައިދުުތަކަށް ބިނާކޮށެވެ.

ޑިފެންސް މިނިސްޓްރީން އެގޮތަށް ބުނުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ސިފައިންގެ ގާނޫނުގެ ދަށުން ވެސް އެފަދަ މައުލޫމާތެއް ހާމަ ނުކުރެވެންވީ ސަބަބު އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މައުލޫމާތު ހާމަކުރާ މިންގަނޑުތަކަކީ ކޮބައިތޯ ވެސް ކޮމިޝަނަރު ސުވާލު އުފެއްދެވި އެވެ.

ސިމާހު ވިދާޅުވީ ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްފި ނަމަ އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖެއަކީ ވަރަށް ޑިޕްލޮމެޓިކް ގައުމެއް. ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" ސިމާހް ވިދާޅުވި އެވެ.

މި އަޑުއެހުން ނިމުނު އިރުވެސް، އެ މައުލޫމާތު ހާމަނުކުރެވޭނެ ސަބަބެއް ޑިފެންސް މިނިސްޓްރީއަށް ދެއްކިފައެއް ނުވެ އެވެ. އިންފޮމޭޝަން ކޮމިޝަނަރު ނިންމެވީ، ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު ބައްދަލުވުމެއް ބޭއްވުމަށެވެ.