ކޮލަމްބޯ (24 ޖޫން) - 209 ވަނަ އަހަރާ ހަމައަށް ސްރީލަންކާގައި ކުރިއަށްދިޔަ ދާޚިލީ ހަނގުރާމައިގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިނުވާ 16 ތަމަޅަ ޓައިގަރުންނަށް މައާފުދީ، ދޫކޮށްލައިފި އެވެ.

ސްރީލަންކާ ސަރުކާރުގެ މިނިންމުމަކީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވެރިކަމަށް އަރާ ވަޑައިގަތް ފަހުން ސްރީލަންކާގެ ދާޚިލީ ހަނގުރާމަ އާ ގުޅޭ ގޮތުން ނިންމެވި ފުރަތަމަ ނިންމުމެވެ.

ރައީސްއަށް ލިބވަޑައިގަންނަވާ ބާރުގެ ދަށުން މިނިވަންކުރި މި 16 ގައިދީންނަކީ އެ ގައުމުގެ ދާޚިލީ ހަނގުރާމައިގެ ކުށްތަކުގައި ހައްޔަރު ކޮށް، ދައުވާ އުފުލާފައިނުވާ ގައިދީންނެވެ.

ސްރީލަންކާގެ ޕްރިވެންޝަން އޮފް ޓެރަރިޒަމް އެކްޓްގެ ދަށުން އެ ގައުމުގެ ދިފާއީ ބާރުތަކަށް ހަނގުރާމައިގެ ކުށްވެރިންނާއި ޓެރަރިސްޓުންނަށް ޝައްކުކުރެވޭ މީހުން ޝަރީއަތަކާ ނުލައި ހައްޔަރުގައި ބޭތިއްބުމުގެ ބާރު ލިބިގެންވެ އެވެ. އެގޮތުން މި ގައިދީން ޖަލުގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކޮށްފައިވެ އެވެ.

ހަނގުރާމައިގެ ކުށްތަކުގައި ހައްޔަރުކޮށް ދައުވާ ނުއުފުލައި ބައިތިއްބާ ގައިދީންނާ މެދު ގޮތެއް ނިންމުމަށް ދާދި ފަހުން އެމެރިކާއިން ވެސް ވަނީ ސްރީލަންކާގެ ސަރުކާރަށް ގޮވާލާފަ އެވެ.

ސްރީލަންކާގެ އަދި ބައިނަލްވަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ދަނީ ހުކުމަކާ ނުލާ ޖަލުގައި ތިބި ގައިދީން މިނިވަން ކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. –އަލް ޖަޒީރާ