ގިނަ ދުވަސްތަކެއް ފަހުން ރައްޓެއްސަކާ ނުވަތަ ތިމާގެ މީހަކާ ދިމާވެއްޖެ ނަމަ އެންމެ ގިނައިން އަޑުއިވޭ އެއް ޖުމްލައަކީ މިއީ އެވެ. ކުރިމަތީގައި ހުންނަ މީހާގެ އިހްސާސްތަކަށް ވިސްނާލުމެއް ނެތި ބުނެވޭ މި ޖުމްލައަކީ ހާދަ ހިތުގައި ޖެހޭ ޖުމްލައެއްކަން ގިނަ ފަހަރަށް އެ ބުނާ މީހާއަށް ވެސް ނުވިސްނެ އެވެ.

ވިސްނާލަންވީ ކަމަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެ މީހެއްގެ އަމިއްލަ މައްސަލަތަކެއް ތަހައްމަލް ކުރަމުންދާ މީހެއް ކަމެވެ. ފެންނަ ފެނުމަށް ނުވަތަ ބަލާބެލުމަށް މިފަދަ މައްސަލަތައް ފާހަގަ ނުވިނަމަވެސް ތިބާގެ އެންމެ ޖުމްލައަކުން އެ މީހަކަށް ހިތްދަތި އިހުސާސްތަކެއް ކުރެވިދާނެ އެވެ.

އެއްބަޔަކު ސިއްހީ މައްސަލަތަކާހުރެ ހަށިގަނޑަށް ބަދަލު އަންނައިރު އަނެއްބަޔަކީ ތިބާ މަލާމާތްކުރާ ކަންތައްތަކުން ސަލާމަތްވުމަށްޓަކައި އިންތިހާއަށް މަސައްކަތްކުރަމުންދާ ބައެކެވެ. ވީމާ ތިބާގެ އެ ޖުމްލައަކީ އެ މީހުންގެ ހިތްވަރަށް ނޭދެވޭ އަސަރުކުރާނެކަމެކެވެ.

އެހެން ކަމުން ދަންނާށެވެ. ރައްޓެހިންގެ ނުވަތަ ތިމާގެ މީހުންގެ ބުރުސޫރައަށް ފާޑުކިޔުން ހުއްޓާލާށެވެ. ބައްދަލުވާ ހިނދު ރިވެތި ގޮތުގައި ސަލާމްކުރަން އާދަކުރާށެވެ.

ބަދަލެއް ގެނެވޭނީ އަހަރެމެން އެންމެން ވެސް މަސައްކަތް ކޮށްގެންނެވެ. އަހަރެމެންގެ ތެރޭގައި އޮތް މި ނުރަނގަޅު އާދަ ދޫކޮށްލަން ތިބާގެ ފަރުދީ ޒިންމާ އަދާކުރަން ހެއްޔެވެ.