އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މާދަމާ 14:00 އާހަމަށްވަނީ ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު ޕޮލިސް މީޑިއާ މެއިލް [email protected] އަށް މެއިލް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނިގޮތުގައި މިހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ދޫނިދޫގަ އެވެ.