ވޮޝިންޓަން (26 ޖޫން) - ޖަރުމަނުގެ ބައޯންޓެކް ކުންފުންޏާއި އެމެރިކާގެ ފައިޒާ ކުންފުނި ގުޅިގެން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިންއާއި މޮޑާނާ ވެކްސިންގެ ސަބަބުން މަދުން ނޫނީ ނުފެންނަ ހިތުގެ މައްސަލަތަކެއް ކުރިމަތިވާކަމުގެ އިންޒާރު އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ދީފި އެވެ.

މި މައްސަލަ ފާހަގަވުމާއެކު އެގައުމުގެ ސިއްހީ އިދާރާތަކަށް އެ އެތޯރިޓީން ވަނީ އެންމެ ފަހުގެ މައުލޫމާތުތަކާއެކު ފެކްޓް ޝީޓެއް ފޮނުވާފަ އެވެ. އޭގައި ވާގޮތުން މި މައްސަލަ ގިނައިން ފެންނަނީ ވެކްސިންގެ ދެ ޑޯޒަށްފަހު އެވެ.

މި މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ހިތުގެ ބަލިތަކެއް ކަމަށްވާ މައޯކަރްޑިޓިސް އަދި ޕެރިކާރްޑިޓިސްގެ 1،200 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެ އެވެ. މިއީ އެ ދެ ވެކްސިން ދިން 300 މިލިއަން މީހުންގެ ތެރެއިން މި މައްސަލަ ފެނުނު މިންވަރު ކަމަށް ވެސް އެފްޑީއޭ އިން ބުންޏެވެ.

މި މައްސަލަތައް ފިރިހެނުންގެ މެދުގައި ގިނަ ކަމަށް ފާހަގަ ކުރެވޭއިރު، މައްސަލަ ކުރިމަތި ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާތާ އެއް ހަފްތާ ފަހުންނެވެ.

ގިނަ ގައުމުތަކަކުން ވަނީ މިފަދަ މައްސަލަތަކެއް ފައިޒާ ވެކްސިން އިން ކުރިމަތިވާ ކަމަށް ބުނެ އިތުރު ތަހުލީލުތަކެއް ކުރަން ފަށައިފަ އެވެ.

މިކަމާ ގުޅޭގޮތުން ފައިޒާ އަދި މޮޑާނާގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ. -- ނިއުސް ޗެނަލް އޭޝިއާ