ކެތޮލިކް ފައްޅީގެ ކުރީގެ ވެރިޔާ ޕޯޕް ފްރާންސިސްގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުނުކަމަށާއި، އަދި އެއްފަހަރު ނަރަކައިގެ ދޮރުތައް ވެސް ސިފަވި ކަމަށް އޭނާގެ އަމިއްލަ ޑައިރީގައި ލިޔެފައިވާ ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު އާންމުކުރި އޭނާގެ ޑައިރީގައިވާ ގޮތުން، ތަފާތު ތިން ހާލަތެއްގައި ޝައިތާނާ އޭނާއަށް ވަނީ ފެނިފަ އެވެ. އެއީ ދަތުރުކުރި އިރު ކާރެއްގެ ތެރެއިންނާއި، ފައްޅިއެއްގައި އަޅުކަމުގައި އުޅެނިކޮށް އަދި ވެޓިކަންގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

އާޖެންޓީނާގެ ބުއެނޯސް އައިރީސްގެ އާޗްބިޝޮޕަކަށް ހުރި ދުވަސްވަރު ފައްޅިއެއްގެ ތެރެއިން ފެނުނު ބިރުވެރި މަންޒަރު ސިފަކުރަމުން ޕޯޕް ލިޔެފައިވަނީ، ޝައިތާނާ ބަލަހައްޓައިގެން ހުރީ އަލިފާން ކަނިތަކެއް ފަދަ ބިރުވެރި ދެލޮލުން ކަމަށެވެ. އަދި އޭގެ ބާރުގަދަ އަޑު ދުވަހަކު ވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، 2018 ވަނަ އަހަރުގެ ޖޫން މަހުގެ ރެއެއްގައި ނިދެމުން ދަނިކޮށް "ނަރަކައިގެ ދޮރުތައް" ސިފަވި ކަމަށް އެ ޑައިރީގައިވެ އެވެ. ޕޯޕް ބުނެފައިވާ ގޮތުގައި ޝައިތާނާގެ ނުފޫޒު އޭނާގެ ބައެއް ދަތުރުތަކަށް ވެސް ފޯރި އެވެ. މިގޮތުން ފާދިރީންގެ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް ޗިލީއަށް ކުރި ދަތުރު އޭނާ ފާހަގަކުރި އެވެ.

1992 އިން 2024 އާ ދެމެދު ޕޯޕް ފްރާންސިސް ލިޔުނު ނޯޓުތަކުގައި، ޗިލީގެ ދަތުރާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ބުނެފައިވެ އެވެ. އެ ދަތުރުގައި، ފާދިރީއެއްގެ ޖިންސީ ގޯނާ ފޮރުވަން އުޅުނު ކަމުގެ ތުހުމަތު އޮތް ބިޝޮޕެއްގެ ދިފާއުގައި ވާހަކަދެއްކުމުން އޭނާއަށް އޭރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އާންމުކޮށް މާފަށް އެދިފަ އެވެ.

ކެތޮލިކް ފައްޅީގެ އެންމެ އިސް މަގާމާ 2013 ވަނަ އަހަރު ހަވާލުވި ޕޯޕް ފްރާންސިސް ވަނީ 12 އަހަރު ވަންދެން އެ މަގާމު ފުރާފަ އެވެ. އޭނާ މަރުވީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު، އުމުރުން 88 އަހަރުގަ އެވެ.