ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖުގެ އަޅުކަން އަދާކުރަން ފައިސާ ދައްކާފައި ވަނިކޮށް މަރުވެއްޖެނަމަ އެ ފައިސާއާ މެދު ގޮތް ނިންމާނީ ކޯޓު މެދުވެރިކޮށް ވާރިސުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ..

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ ހައްޖަށް ދާން ފައިސާ ދައްކާ މީހާ މަރުވާ ހާލަތު މަދުން ދިމާވާ ކަމަށެވެ. އަދި ހައްޖަށް ދާން ފައިސާ ދެއްކި ބަޔަކު ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ވެސް މަރުވެފައިވާ ކަމަށެވެ. އެކަމަކު އެ އަދަދު އެހާ ގިނަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާފައިވާ މީހަކު މަރުވެއްޖެ ނަމަ ވާރުތަ މުދަލުގެ މައްސަލައެއްގެ ގޮތުގައި ކޯޓަށް ވާރިސުންނަށް މައްސަލަ ހުށަަހެޅޭނެ ކަމަށާއި ނުވަތަ ވާރިސުން އެދޭ ނަމަ ފައިސާ އަނބުރާ ދޭނެ ކަމަށާއި ނުވަތަ ވާރިސުން ކަނޑައަޅާ މީހަކު ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

އާއްމުކޮށްހައްޖަށް ދާން ފައިސާ ދައްކަނީ ދޮށީ އުމުރުގެ މީހުން ކަމަށްވާތީ ހައްޖު ކޯޕަރޭޝަން އުފެދުނު ފަހުން މިދިޔަ އަހަރުތަކުގެ ތެރޭގައި ފައިސާ ދެއްކި މީހާ މަރުވެ، އެ މީހާ ދެއްކި ފައިސާއާ މެދު މަދުން ނަމަވެސް ގޮތްތަކެއް ނިންމަންޖެހި އެކަން ކޮށްފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު ކޯޓާ ނުލިބިގެން އެތައް ސަތޭކަ ބަޔަކު ހައްޖަށް ނުފުރި ކިއުގައި މަޑުކުރަން ވެސް ޖެހިފައި އެބަތިއްބެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރާއި މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުނަށެވެ