މާވެލް ސްޓޫޑިއޯގެ ފުރަތަމަ އޭޝިއަން ސުޕަހީރޯ ފިލްމު ކަމަށްވާ "ޝަންގް ޗި- އެންޑް ދަ ލެޖެންޑް އޮފް ދި ޓެން ރިންގްސް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމުގައި ޝަންގް ޗިގެ ރޯލުން ފެނިގެންދާނީ، ސީބީސީ ޓެލެވިޟަންގެ މަޝްހޫރު ސިޓްކޮމްއެއް ކަމަށްވާ "ކިމްސް ކޮންވިނިއަންސް" އިން ފެނިފައިވާ ކެނެޑާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ސިމު ލުއި އެވެ.

ފިލްމުގެ ޑައިރެކްޓަރު އަދި ފިލްމުގެ އެއް ލިޔުންތެރިޔާ ޑެސްޓިން ޑެނިއަލް ކެރެޓޮން ބުނެފައިވާ ގޮތުގައި، މި ފިލްމުގައި، ޝަންގް ޗި މަސައްކަތްކުރާނީ އޭނާގެ އަސްލު ދެނެގަތުމަށެވެ.

ޓްރެއިލާއިން ފެންނަ ގޮތުގައި ދިހަ ރިންގެއްގެ ތެރޭގައި ހިމެނޭ ޓެރަރިސްޓް އޮގަނައިޒޭޝަނެއް ދައްކާލަ އެވެ. އަދި މިކަމުގައި އެންމެ އިސްކޮށް ހުންނަނީ ޝަންގް-ޗިގެ ބައްޕަ އެވެ. ޝަންގް ޗިގެ އުމުރުގެ ވަކި ހިސާބަކުން އޭނާ، އޭނާގެ އާއިލާ އެއްކޮށް ދޫކޮށްލާފައި ދެ އެވެ. ނަމަވެސް ފަހުން ޝަންގް ޗި އެ ދިހަ ރިންގް ހޯދުމަށް މަސައްކަތް ކުރެ އެވެ.

ވަރުގަދަ އެކްޝަންތަކަށް ފެނިގެންދާ މި ފިލްމުގައި ގިނަ އަދަދެއްގެ ވިޝުއަލް އިފެކްޓްތަކެއް ބޭނުންކޮށްފައިވެ އެވެ. ފިލްމުން ފެންނަ އިތުރު ތަރިންގެ ތެރޭގައި، އޮކްވަފިނާ، ޓޮނީ ލުންގް، މިޝޭލް ޔޯހް، ފަލާ ޗެން، މެންގާ ޒެންގެ އިތުރުން މަންޓިއާނޫ އަދި ރޮނީ ޗެއިން ހިމެނެ އެވެ. މާވެލް ސްޓޫޑިއޯގެ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު ތިނެއްގަ އެވެ.