މުޅި މާލޭ ސީސީޓީވީ ނިޒާމާކުން ގުޅާލުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކެމެރާ ހަރުކުރާނީ މިސްކިތްތަކުގައި ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ނިންމީ މިފަހުން އެ ތަންތަނުގައި ވިޔާނުދާ އަމަލުތައް ހިންގާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ. އެ މަސައްކަތްތަށް ދާނެ ހަރަދު ބެލުމާއި ކުރަންޖެހޭ ސާވޭ ހެދުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

"އެހެންވީމަ މިސްކިތްތައް ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ހެދުމުގެ ގޮތުން އަޅުގަނޑުމެންގެ ސީސީޓީވީ ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ އަމާޒަކީ މިސްކިތްތައް ކަވަކުރުން،" މޭޔަރު ވިދާޅުވި އެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދައި އެއްޗެހި ދޮވެ އަދި އެކަށީގެންނުވާ އެހެން ކަންކަމުގައި އެ ތަންތަން ބޭނުންކުރާ މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. މަސްތުގެ ހާލަތުގައި މިސްކިތް ތެރޭގައި ނިދައިފައި ތިބި މީހުންގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

މާލޭ ވިޔަފާރިވެރިންގެ މިސްކިތް ތެރެއިން މަސްތުވާތަކެއްޗާ އެކު މި މަހު 14 ގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.