ސިންގަޕޫރު (30 ޖޫން) - ކޮވިޑް -19އަށް އިތުރު ފަރުވާއެއް ހޯދުމަށް ސިންގަޕޫރުން މަސައްކަތް ފަށައިފި އެވެ.

ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ އެ ގައުމުގައި ހުންނަ ގްލެކްސޯ ސްމިތްކްލިން (ޖީއެސްކޭ) އާއި ވީރް ބައޯޓެކްނޮލޮޖީ އާއެކު އެންޓި ބޮޑީ ބޭސް ފަރުވާއެއް ހޯދުމަށް އެއްބަސްވުމައްގައި ސޮއިކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނެފައި ވަަނީ ސޮޓްރޮވިމެބްގެ ނަމުން ނަން ދީފައިވާ މި ބޭސް، ސިއްހީ ފަރުވާ ދޭ ތަންތަނުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭނުން ކުރެވެން ފެށޭ ވަރުވާނެ ކަމަށެވެ.

އެންޓި ބޮޑީގެ މި ފަރުވާއަކީ މިހާރު އާއްމުކޮށް ބޭނުން ކުރެވޭ ވެކްސިންގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މުހިއްމު އީޖާދެއް ކަމަށް ސިންގަޕޫރުގެ އޮފިޝަލުން ވިދާޅުވި އެވެ.

މި ބޭހަކީ ކޮވިޑް 19ގެ އަލާމާތްތައް މަދުން ފެންނަ ނަމަވެސް ހާލު ގޯސްވުމުގެ ފުރުސަތު އޮތް ބަލި މީހުންނަށް ދޭން ރަނގަޅު ބޭހެއް ކަމަށް ޖީއެސްކޭ އިން ބުނެފައިވެ އެވެ.

ސޮޓްރޮވިމެބްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރު ތަހްލީލްތައް ކުރެވެމުންދާއިރު، ސިންގަޕޫރުގެ ސިއްހީ ހަމަތަކާ އެއްވަރަށް ރައްކާތެރިކަން ޔަގީންވުމުން ރަސްމީކޮށް ބޭސް ރަޖިސްޓްރީ ކުރެވިގެންދާނެ އެވެ.

މި ޓެސްޓުތަކުގެ އެންމެ ފަހުގެ ނަތީޖާ މި އަހަރު ފަހުކޮޅު އާއްމު ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.