ކައުންސިލުތަކަށް ސެކެރެޓަރީ ޖެނަރަލުން ހޯދަން ކުރި އިއުލާނާ ގުޅިގެން އެމަގާމަށް 500 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 511 މީހަކު ކުރިމަތިލާފައިވާކަމަށެވެ. އެއީ 178 ރަށު ކައުންސިލަށް 371 މީހަކާއި 18 އަތޮޅު ކައުންސިލްގެ އެސްޖީކަމަށް 86 މީހަކާއި 4 ސިޓީ ކައުންސިލްގެ އެސްޖީކަމަށް ކުރިމަތިލި 54 މީހެކެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފައިވަނީ 200 ސެކެރެޓަރީ ޖެނަރަލު ހޯދުމަށެވެ. މީގެތެރޭގަ ހިމެނެނީ ރާއްޖޭގެ 178 ރަށުގެ ރަށު ކައުންސިލާއި 18 އަތޮޅު ކައުންސިލެއްގެ އިތުރުން 4 ސިޓީ ކައުންސިލަށް ނަގާ ސެކްރެޓަރީ ޖެނެރަލުންނެވެ.

ރަށު ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލްގެ މުސާރައިގެ ގޮތުގައި މަހަކު 9،300 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލްގެ އެސްޖީގެ މުސާރައަކީ 12،130 ރުފިޔާއެވެ. މީގެއިތުރުން އަތޮޅު ކައުންސިލްގެ އެސްޖީއަކަށް ވެސް އެގްޒެކްޓިވް އެލަވަންސުގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެ އެވެ.

ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލަކަށް މަހެއްގެ މައްޗަށް 35،500 ރުފިޔާ ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 20،500 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 15،000 ރުފިޔާ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން ކައުންސިލް އިދާރާގެ އިދާރީ އެންމެހާ ކަމެއް ބެލެހެއްޓުމާއެކު މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހޭނީ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ. މި މަޤާމަށް އައްޔަންކުރާ މީހެއްގެ މަޤާމުގެ މުއްދަތަކީ 5 އަހަރެވެ.