ސޯޝަލް މީޑިއާ އިންފްލުއެންސަރު އަދި މަޝްހޫރު މޮޑެލްއެއް ކަމަށްވާ ޑެމީ ރޯސް އޭނާގެ އަންހެން ރައްޓެހިންތަކަކާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި ޑެމީ ޗުއްޓީ ހޭދަކުރަމުންދަނީ ހެރިޓެންސް އާރަށް ރިސޯޓްގަ އެވެ.
އޭނާ ދަނީ އިންސްޓަގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި މަންޒަރުތައް އޭނާގެ 14.8 މިލިއަން ފޮލޮވަރުންނާ ހިއްސާކުރަމުނެވެ. މީގެ ތެރޭގައި އޭނާ ހުރި މޫދު ކޮޓަރިއާއި ހުދު ދޮންވެލިގަނޑުތަކުގެ މަންޒަރުތައް ވެސް ހިއްސާކޮށްފައި ވެ އެވެ. މިއާއެކު ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރުވެގެންދާނެ ކަމަށް އުއްމީދުކުރެވެ އެވެ.
އުމުރުން 25 އަހަރުގެ ޑެމީ މަޝްހޫރުވެފައި ވަނީ ހަށިގަނޑުގެ ވަނާތައް ރީތި، ބިކިނީ މޮޑެލްއެއްގެ ގޮތުގަ އެވެ. އަދި ގަވާއިދުން ޑެމީ އިންސްޓަގްރާމަށް ދޫކޮލާ އޭނާގެ ހަށިގަނޑުގެ ފޮޓޯތަކާއެކު އެނާގެ މަޝްހޫރުކަން ދަނީ ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުންނެވެ.
ޑެމީގެ އުމުރުން 18 އަހަރުން ފެށިގެންވެސް އިންސްޓަގްރާމް ބޭނުންކުރެ އެވެ. އެހެން ނަމަވެސް އޭނާގެ މަޝްހޫރު ކަން އިތުރުވެގެން ދިޔައީ ބިކިނީ ތަކުގައި މޮޑެލްކޮށްފައި ހުރި ފޮޓޯތައް ފޮލޯވަރުންނަށް ދޫކުރަން ފެށި ހިސާބުންނެވެ.
މިދިޔަ އަހަރުގެ ޖުން މަހުގެ 12 ވަނަ ދުވަހު ޑެމީ ވަނީ އޭނާގެ މަންމަ ކްރިސްޓީން، އުމުރުން 63 އަހަރުގައި މަރުވިކަމުގެ ހިތާމަވެރި ހަބަރު އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. ޑެމީގެ މަންމަ މަރުވުމުގެ އަށް މަސްދުވަސް ކުރިން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާގެ ބައްޕަ ބެރީ މޯބީ ވެސް ވަނީ މަރުވެފަ އެވެ.
2019 ވަނަ އަހަރު ޑެމީގެ ފޮލޯވަރުންގެ އަދަދު 10 މިލިއަނަށް އަރާފައިވާ އިރު މިހާރު އެ އަދަދު ދަނީ 15 މިލިއަނާއި ގާތްކުރަމުންނެވެ. އެންމެ ފަހުން ޑެމީ ހަބަރުތަކުގެ ފަލަ ސުރުހީ ތަކުން ޖާގަ ހޯދާފައި ވަނީ ފެންކަޅިވެފައި އިންދެ އިންސްޓަގްރަމް ސްޓޯރީގައި އަށް ކުޑައިރުގެ ވާހަކަތައް ހިއްސާކުރުމުންނެވެ. އެގޮތުން އޭނާއަށް ކުޑައިރު ގޯނާއާއި ކުރިމަތިވި ކަމަށާއި ސްކޫލްގައި އެހެން ކުދިން އޭނާ ބުލީކޮށްފައިވާ ކަމަށް ބުނެފައި ވެ އެވެ.
އެހެން ކަމުން މިހާރު ކުއްލިއަކަށް ބޮޑު މަޝްހޫރު ކަމެއް ލިބުމުން ގަބޫލުކުރަން ދަތިވެފައިވާ ކަމަށް އެނާ ބުނެ އެވެ.