މީގެ 60 އަހަރު ކުރިން އެސްޓްރޮނޯޓެއްގެ ގޮތުގައި ތަމްރީނުވި، އިނގިރޭސި ރައްޔިތެއް ކަމަށްވާ ވެލީ ފަންކް އުމުރުން 82 އަހަރުގައި އެންމެ ފަހުން ޖައްވަށް ދާން ފުރުސަތު ލިބިއްޖެ އެވެ.

ވެލީއަށް ޖައްވަށް ދާން ފުރުސަތު ލިބުނީ މި މަހުގެ ފަހުކޮޅު އެމޭޒަންގެ ވެރިޔާ ޖެފް ބެރޯސްގެ ބްލޫ އޮރިޖިންސުން އިންތިޒާމުކޮށްގެން ޖައްވާށް އިންސާނުން ގޮވައިގެން ފުރަތަމަކުރާ ފްލައިޓުންނެވެ.

މި ދަތުރުގައި ވެލީގެ އިތުރުން ޚުދު ޖެފް ބެޒޯސް އާއި އޭނާގެ ކޮއްކޮ ބައިވެރިވާނެ އެވެ. އަދި ހަމަ އެއާއެކު ނީލަމަށް ފުރުސަތު ހުޅުވާލައިގެން އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަށް ވެސް މި ފްލައިޓުން ވަނީ ފުރުސަތުދީފަ އެވެ.

ވެލީ ޖައްވަށްކުރާ މި ދަތުރަކީ 60 އަހަރު ވަންދެން އޭނާގެ ފުރިހަމަ ނުކުރެވި އޮތް ހުވަފެނެކެވެ. 1961 ވަނަ އަހަރު މާކިއުރީ 13ގެ ނަމުން ނަންދިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ތަމްރީންވި 13 އަންހެނުންގެ ތެރޭގައި ހިމެނޭ ވެލީއަށް އޭރު ފުރުސަތު ނުލިބުނީ އަންހެނަކަށް ވީތީ އެވެ.

އޭރު ހެދި ތަމްރީނުތަކުގައި ވެލީއަށް ވަނީ އެ ތަމްރީނުތަކުގައި ބައިވެރިވި ފިރިހެން އެސްޓްރޮނޯޓުންނަށް ވުރެ ވެސް މަތިން ނަތީޖާ ހޯދާފަ އެވެ. އެހެން ނަމަވެސް ނާސާގެ އެ ޕްރޮގްރާމުން ފުރުސަތު ނުލިބި ވެލީ ޖައްވަށް ދިއުމުގެ ހުވަފެން ވެސް ދޫކޮށްލަން ޖެހުނީ އެވެ.

އެއަށްފަހު ވެލީ ވަނީ އެމެރިކާގެ އެންމެ ފުރަތަމަ އަންހެން އެފްއޭއޭ އިންސްޕެކްޓަރެއްގެ މަގާމާއި އެންޓީ އެސްބީ އެއާ ސޭފްޓީ އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތްކުރި ފުރަތަމަ އަންހެނާގެ މަގާމު ހޯދާފަ އެވެ.

ވެލީގެ ޒުވާން ދައުރުގައި 19،000 އަށް ވުރެ ގިނަ ގަޑިއިރު، އުދުހުމުގައި ހޭދަކޮށްފައިވެ އެވެ. ވެލީ ބުނީ އޭނާ މަރުވަންދެން ވެސް އޭވިއޭޝަން އާއި ޖައްވީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާނެ ކަމަށެވެ.