އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކަންކަން އެމްޑީޕީ ތެރެއިން ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް ވިދާޅުވީ މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ތެރެއިން ކުރިއަށްނުދާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ތެރެއިން އެކަން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަޒީރެއްގެ އިތުބާރު ނެތްކަމަށް 10 މެމްބަރުން ސޮއިކޮށްފައި ހުށަހެޅީމާ މަޖިލީހުގެ ތަޅުމުގައި އެކަން އިންތިޒާމްވެގެން ދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެ ޕާޓީގެ މެމްބަރުންނާ ގުޅޭގޮތުންނާއި އަދި ވަޒީރުންނާ ގުޅޭގޮތުން، ޕާޓީގެ އެތެރޭގައި މަޝްވަރާކޮށް، އެ މަޝްވަރާއާ އެއްގޮތަށް އަބަދުވެސް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އެފަދަ ކަންކަން ދާއިރު، ބަހުސްވެސް ގިނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހަމަކުރަން ފެށީ ރައީސް ނަޝީދުގެ އެންގެވުމަކަށެވެ. އަދި އެކަމުގެ ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އެމަނިކުފާނެވެ.

ނަމަވެސް މިރޭ އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަކަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވާފައިނުވާ ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ. އަދި ހިނގަމުންދަނީ އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.