ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އިރްފާން ޚާންގެ ރިލީޒް ނުކުރެވި އޮތް ފިލްމެއް ކަމަށްވާ "ދުބާއި ރިޓާން" މިއަދު ރިލީޒްކުރާނެ ކަމަށް އިރްފާން ޚާންގެ ދަރިފުޅު ބަބިލް އިއުލާންކޮށްފި އެވެ.

ބަބިލް މި ހަބަރު އާންމުންނާއި ހިއްސާކޮށްފައި ވަނީ އިއްޔެ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައިކުރި ޕޯސްޓެއްގަ އެވެ.

"ދުބާއި ރިޓާން"އަކީ މީގެ 15 އަހަރު ކުރިން 2005 ވަނަ އަހަރު މަސައްކަތްތައް ނިމިފައިވާ ފިލްމެކެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ފިލްމް ރިލީޒް ކުރުވޭނެ ގޮތް ވަނީ ނުވެފަ އެވެ. މި ފިލްމުގައި އިރްފާން ޚާންގެ އިތުރުން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ރަޒަކް ޙާން އާއި ދިވްޔާ ޑައްތާ ހިމެނެ އެވެ.

ދިގު އިންތިޒާރަކަށް ފަހު މިއަދު މި ފިލްމް ރިލީޒް ކުރާއިރު ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޔޫޓިއުބްގައި ކަން ފާހަގަކޮށްލެވެ އެވެ.

https://www.instagram.com/p/CQ05aqdr0Nb/?utm_medium=copy_link

"ދުބާއި ރިޓާން" ވަނީ ނިއުޔޯކް އިންޑިއަން ފިލްމް ފެސްޓިވަލްގައި ވޯލްޑް ޕްރިމިއާ ކުރެވިފަ އެވެ. އަދި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާގައި ވެސް މި ފިލްމު ވަނީ ޝޯކާސްޓް ކުރެވިގެން ގޮސްފަ އެވެ. ޝޯކާސްޓްކުރި ނަމަވެސް ފިލްމްގެ ތިއަރެޓިކަލް ރިލީޒިން އޭރު ވަނީ ކުރެވޭ ގޮތް ނުވެފަ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އިރްފާން ޚާން ވަނީ ދެ އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށްފަހު މިދިޔަ އަހަރުގެ އޭޕްރިލް 29 ވަނަ ދުވަހު މަރުވެފަ އެވެ. އިރްފާން ޚާން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ނުކުތް އަންގްރޭޒީ މީޑިއަމް އިންނެވެ.

"ދުބާއި ރިޓާން"ގެ އިތުރުން އިރްފާން ޚާންގެ ރިލީޒް ނުކުރެވޭ އިތުރު ފިލްމްތަކެއް ހުރިކަން ފާހަގަކުރެވެ އެވެ.