ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޔާމީންގެ ނަމުގައި އޮތް އަށް އެކައުންޓެއް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ތިން މަހަށް ފްރީޒްކުރަން ހައި ކޯޓުން މިދިޔަ އަހަރު ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޔާމީންގެ އެކައުންޓް ފްރީޒްކުރަން ފުލުހުން އެދުނު ސަބަބާއި ފްރީޒްކުރި އަށް އެކައުންޓާ ހުރި ގުޅުމެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. ފުލުހުން ތަހުގީގުކުރީ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މުއާމަލާތް ކަމަށް ވާއިރު، އެ މުއާމަލާތާއި އަށް އެކައުންޓާ ހުރި ގުޅުމެއް ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނީ އެކައުންޓް ފްރީޒްކުރަން ފުލުހުން ކޯޓުގައި އެދޭއިރު ތުހުމަތު ކުރެވޭ ފައިސާގެ އަދަދެއް އެނގެން ޖެހޭނެ ކަމަށާއި އަދި އެގޮތަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބު ފުލުހުން ދައްކަންޖެހޭނެ ކަމަށެވެ. އަދި ހުރިހާ އެކައުންޓެއް ފްރީޒްކުރަން އެދޭ ނަމަ، އޭގެ ސަބަބެއް ވެސް ބުނެދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ޔާމީންގެ އެކައުންޓް ދޫކޮށްލަން ކުރި ހުކުމް ރަނގަޅު ކަމަށެވެ.