ކެލިފޯނިއާ (05 ޖުލައި) - ދުނިޔޭގެ މަލްޓި ބިލިއަން ކުންފުންޏެއް ކަމަށްވާ އެމޭޒަންގެ އިސްވެރިޔާކަމުން ޖެފް ބެޒޯސް އިސްތިއުފާ ދީފި އެވެ.

އެމޭޒަންއިން ޖެފް އިސްތިއުފާ އިއްޔެ ދީފައި ވަނީ އޭނާ އެ ކުންފުނި އުފެއްދިތާ 27 އަހަރު ފުރުނު ދުވަހު އެވެ.

މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެމޭޒަންގެ ސިޔާސަތުތައް އެއް ހަމައެއްގައި ގެންގުޅެ، ލީޑާޝިޕްގެ ފުރިހަމަ މަސާލެއް ދައްކުވައިދީފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ޖެފްގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރެވެ.

ޖެފްއަކީ ކުންފުނީގެ މާލިއްޔަތަށް ބޮޑު އަހައްމިއްޔަތު ކަމެއްދީ މަންފާ ހޯދާނެ ގިނަ ގޮތްތައް ހޯދަން މަސައްކަތްކުރި މީހެއް ކަމަށް އޭނާއާ އެކު މަސައްކަތްކުރި މީހުން ބުނެ އެވެ.

ޖެފްގެ ކާމިޔާބީ އާ އެއްވަރަށް ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފަ އެވެ. އެގޮތުން 2007 ވަނަ އަހަރާއި 2011 ވަނަ އަހަރު ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ޖެފް ނުދައްކާ ކަމަށް ބުނެ އެމެރިކާގެ ނޫހެއްގައި ޝާއިއުކުރި ހަބަރަކީ ފާހަގަ ކޮށްލެވޭ ހަބަރެކެވެ.

ޖައްވީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ޖެފް ބެރޯސް ދަނީ އިސްތިއުފާ ދިނުމުގެ ކުޑަދުވަސްކޮޅެއް ފަހުން މި މަހުގެ ފަހުކޮޅު އޮންނަ އިންސާނުން ގޮވައިގެން ޖައްވަށް ދާ ފުރަތަމަ ފްލައިޓްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ. – ބީބީސީ