ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ވަރަށް އަވަހަށް ޓީވީ ޝޯއެއް އޭނާ ހޮސްޓްކުރާނެ ކަމަށް ބުނެފި އެވެ.

ރަންވީރު ބޮލީވުޑްގައި މަސައްކަތް ކުރާތާ މިއަހަރަށް 10 އަހަރުވެގެންދާއިރު، ކަލާސް ޗެނެލް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ "ދަ ބިގް ޕިކްޗާ" ޝޯގެ ހޯސްޓެއް ގޮތުގައި ފެނިގެންދާނީ ރަންވީރު އެވެ.

ކުއިޒް ޝޯއެއްގެ ގޮތުގައި ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ މިޝޯގެ ފުރަތަމަ ޓްރެއިލާ ވަނީ ކަލާސް ޗެނަލްއިން ދައްކާފަ އެވެ.

"ދަ ބިގް ޕިކްޗާ" އާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމަކޮށްފައިނުވާއިރު މިޝޯގެ ކޯ ޕްރޮޑިއުޝަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފަންނާނު ސަލްމާން ޚާން އެވެ. ސަލްމާން އަކީ ކަލާސް ޗެނަލްއިން ގެނެސްދޭ އެންމެ ކާމިޔާބުއެއް ރިޔަލިޓީ ޝޯގެ ހޯސްޓެވެ.

https://www.instagram.com/p/CQ3Xl1eBixf/?utm_source=ig_embed&ig_rid=78d3f368-9e5f-4154-bfd8-e5d7d36a1823

މިޝޯއާ ބެހޭ ގޮތުން ރަންވީރު ދިން އިއްޓަވިއުއްގައި ބުނެފައިވަނީ "އަހަރެންނަކީ އަބަދުވެސް ތަފާތު ކަންތައްތައް ތަޖުރިބާ ކުރަން ބޭނުންވާ މީހެއް. މިއީ ކެރިއަރުގައި އަނެއްކާ ވެސް ކޮށްލެވޭނެ ވަރަށް ތަފާތު އަދި ވަރަށް ފުރިހަމަ ތަޖުރިބާއަކަށް ބާނެ. ހަމަ ޔަގީނުން ވެސް މިއީ ތަފާތު ޝޯއަކަށް ވާނެ" އެވެ.

"ދަ ބިގް ޕިކްޗާ" އަކީ ރަންވީރު ހޯސްޓްކުރާ ފުރަތަމަ ޝޯއަށްވާއިރު، އޭނާ ވަނީ ކާމިޔާބު އެތަކެއް ފިލުމުތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޅެފަ އެވެ.

ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "83" އާއި "ޖަޔޭޝްބާއީ ޖޯރުދާރު" އަދި "ސާކަސް" ހިމެނެ އެވެ.