ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓްތަކެއް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމެވުމާ ގުޅިގެން، އެމަނިކުފާނު މިނިވަންކުރަން އިދިކޮޅު ކޯލިޝަންގެ ވެރިން ގޮވާލާ އަޑުގަދަވާން ފަށައިފި އެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމެވުމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ މަސްއަލައިގެ އިސްތިޢުނާފުގައި ސްޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުން އެނގިގެން ދަނީ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކަކީ ސިޔާސީ ދަޢުވާ ތަކެއްކަން ކަމަށެވެ.

"ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަން،" ރައީސް ޔާމީންގެ ޒަމާންވީ ސިޔާސީ އެކުވެރިޔާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ ސުޕްރީމް ކޯޓުގެ މިއަދު ހުކުމާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާތަކެއްކަން ސާބިތުވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ މިއަދުގެ ހުކުމާއެކު އެނގިގެނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސައްހަ ދައުވާތަކެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަންކުރަން ގޮވާލަން،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ މަސައްކަތް ނިންމާނީ ރައީސް ޔާމީން މިނިވަންކޮށް، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ހިމާޔަތުގައި، ދިވެހި އިގްތިސާދާއި ރައްޔިތުންގެ ކުރިމަގު އުޖާލާކުރަން އެމަނިކުފާނު 2023ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުކޮށްފައި ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އަނިޔާވެރިކަން އިސްނުކޮށް ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރަން ގޮވާލައްވައިފަ އެވެ.