ޖަކާޓާ (06 ޖުލައި) - ޖަކާޓާގެ ރައްވެއްސެއް ކަމަށްވާ އޮލަސްކާ ޕޫރުބާއަކީ ގިނަ ދުވަސްތަކެއް ވަންދެން އެ އަވަށުގައި މަރުވާ މީހުން ވަޅުލާން ޖަހާ ސަންދޯއް ހެދުމުގައި މަސައްކަތްކުރާ މީހެކެވެ.
އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު އެބަލީގައި މަރުވާ މީހުން ވެސް ގިނަވެ، އޮލަސްކާ އާއި އޭނާ އާއެކު މަސައްކަތްކުރާ މީހުންގެ މަސައްކަތް މިވަނީ ބުރަވެފަ އެވެ.
"ކޮވިޑް ކޭސްތައް އިތުރުވުމުގެ ކުރިން ދުވާލަކަށް ޖަހަން ޖެހެނީ ގާތްގަނޑަކަށް ދިހަ ސަންދޯއް. މިހާރު އެ އަދަދު ވަނީ 30 އަށް މައްޗަށް އަރާފައި،" އޮލަސްކާ ބުންޏެވެ.
އޭޝިއާ ބައްރުގައި ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވަމުންދާ ގައުމަކަށް އިންޑޮނޭޝިއާ ވެފައި ވާއިރު ދުވާލެއްގެ މައްޗަށް ކޭސްތައް ފެންނަ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އެގޮތުން ހޯމަ ދުވަހު 29،745 ކޭސް ފެނިފައިވާއިރު އިތުރު 558 މީހުން އެބަލީގައި ވަނީ މަރުވެފަ އެވެ.
ހާލަތު އެންމެ ގޯސްވެފައިވާ ޖާވާ އަދި ބާލީގައި ފުރަބަންދު އިއުލާނު ކޮށްފައިވާއިރު، އެ ސަރަހައްދުތަކަށް ދަތުރުފަތުރުކުރުން ވެސް ވަނީ ސަރުކާރުން ކޮންޓްރޯލް ކޮށްފަ އެވެ.
އިންޑޮނޭޝިއާގެ ހޮސްޕިޓަލްތަކުގެ 75 ޕަސެންޓް އެނދުތައް ފުރިފައިވާއިރު މި އަދަދުތައް އިތުރުވެދާނެ ކަމުގެ ބިރުވެސް ވަނީ ހީވެފަ އެވެ.
އޮލަސްކާ ބުނިގޮތުގައި ސައްދޯއް ހަދަން ބޭނުންކުރާ ފިލާގެ އަގު ބޮޑުވެ، އެ ލިބުން ވެސް ދަތިވެފައިވާ ކަމަށެވެ. އަދި މިގޮތައް ކުރިއަށް ދާނަމަ އިސާހިތަކު ސަންދޯކަށް ނުލައި މީހުން ވަޅުލަން ޖެހިދާނެ ކަމަށް އޭނާ ބުންޏެވެ.
އިންޑޮނޭޝިއާގެ ރައްޔިތުންނަށް އޮލަސްކާ އިލްތިމާސް ކުރަނީ މާސްކް އަޅައި، ގައިދުރުކޮށް ސަރުކާރުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެނބުމަށެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް