މާލެ ސަރަހައްދު ގުޅާލުމަށްޓަކައި އެޅުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގައި ހުސްކުރަން ޕްލޭނިން މިނިސްޓްރީން އަންގައިފި އެވެ.

ޕްލޭނިން މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު އަމަލީ މަސައްކަތް ކުރިއަށްދާއިރު މާލެގެ ވަރކްސައިޓެއްގެ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖު ބޮޑުބައެއް އެމަސައްކަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލެއިން ބުރިޖު ގުޅާލެވޭނީވެސް އިންޑަސްޓްރިއަލް ވިލެޖަށް ކަމަށްވެސް އެމިނިސްޓްރީއިން ހާމަކުރެ އެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ ވަގުތީގޮތުން އެކިކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަން ފަށާފައިވާ ކަމަށެވެ. ވަކި ފަރާތަކާ ހަވާލުނުކުރާ ބިންތަކާއި މަގުތަކުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގައި މި މަސް ނިމުމުގެ ކުރިން އެ ސަރަހައްދު ހުސްކޮށްދިނުމަށް ވެސް އެމިނިސްޓްރީއިން ވަނީ އެދިފަ އެވެ. އަދި އެ މުއްދަތުގެ ފަހުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުން މިހާތަނަށް އިއުލާނުކޮށްފައިވާ އެންމެ ބިޔަ ޕްރޮޖެކްޓް، ތިލަމާލެ ބްރިޖު ހަދަނީ އިންޑިއާގެ ކުންފުންޏަކުންނެވެ. ނަމަވެސް ރަސްމީކޮށް އަދި އެ މަޝްރޫއު ހަވާލެއް ނުކުރެ އެވެ.

އެކަމަށް، އެ ގައުމުން 100 މިލިއަން ޑޮލަރުގެ އެހީއާއެކު 400 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައި ވެ އެވެ.

ބްރިޖްގެ މަސައްކަތަށް މާލޭ އިންޑަސްޓްރިއަލް ވިލެޖް ހުސްކުރަން ޕްލޭނިން މިނިސްޓްރީން އެންގި ނަމަވެސް އެ ތަނަށް މާލޭގެ އެތެރޭގައި ހުރި ބޮޑެތި ގުދަންތަކާއި ގަރާޖް، ވޯކްޝޮޕް ފަދަ ތަންތަން ބަދަލު ކުރަން މާލޭ ސިޓީކައުންސިލުން ވަނީ ޕްލޭނެއް ވެސް އެކުލަވާލައި އެމަސައްކަތް ފަށާފަ އެވެ. އެހެން ނަމަވެސް އެކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެސަރައްދު ބޭނުންކުރާނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ގޮތެއް ބަލާފައިކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.