ތަމްރީނުތަކެއް ހެދުމަށް ލ. ކައްދުއަށް ގޮސް ހޯމް ކަރަންޓީނުގައި ތިއްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ސިފައިންގެ އަދަދު 59 އަށް މިއަދު އިތުރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކައްދޫން މިއަދު ވަނީ 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ކައްދޫން ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން އަލަށް ޕޮޒިޓިވްވި 24 މީހުންނަކީ އެތަނުން ޑައިރެކްޓް ކޮންޓްރެކްޓްވެ ޕޮޒިޓިވްވި މީހުންނެވެ.

ސިފައިންތައް ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އެ މީހުން ތިބީ ލ.ގަމުގައި ސިފައިން ބައެއް ތަމްރީންތައް ކުރިއަށް ގެންދާ ސަރަހައްދެއް ކަމަށްވާ ކަށިކޮލި ނުވަތަ ވައިޓްބޭގައި ކޭމްޕް ކޮށްގެންނެވެ. އެތަނަކީ އާއްމުންނަށް ވަދެ ނިކުމެވޭ ތަނެއް ނޫނެވެ. އެތަނުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ 25 މީހުންނެވެ.

ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދާ ގިރިފުށިން ވެސް މީގެ ކުރިން ގިނަ އަދަދެއްގެ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އެ ރަށުން ގިނަ އަދަދެއްގެ ސިފައިން ކޮވިޑް-19 އަށް ފައްސިވުމުން ގިރިފުއްޓަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް ވެސް ގެނަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ސިފައިންގެ އަދަދެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ.

ކައްދޫން ޕޮޒިޓިވްވި ސިފައިންނާއެކު މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 86 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 57 މީހުންނެވެ.