ކުރީގެ ރައީސް އަދި މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒް ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާ ބައްދަލުކުރައްވައިފި އެވެ.
ބަންޑާރަނައިބްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތަހުގީގުގެ ކަންކަން ކުރިއަށްދާގޮތާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި ކަމަށް އެ އޮފީހުން ބުނެ އެވެ.
ބަންޑާރަ ނައިބުގެ އިތުރުން އައްބާސް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲއާ ވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އައްޔަނުކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
ހަމަލާއާ ގުޅިގެން، ކުރިއަށްދާ ތަހުގީގާއި ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ހާއްސަ މަންދޫބެއްގެ ގޮތުގައި އައްބާސް ފާއިޒު އައްޔަނު ކުރެއްވީ މެއި މަހުގެ 19 ދުވަހު އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ތަޙްޤިގުކުރުމަށްޓަކައި ދިވެހި ފުލުހުންނާއި ބޭރުގެ ފަރާތްތަކާ ގުޅިގެން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ހަމަލާގެ ތަހުގީގަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މިމަހަލާ އާ ގުޅިގެން މަޖިލީހުގެ ކުރިއަށް ގެންދިޔަ އިންކުއަރީ މަސައްކަތް ނިންމާލާ އެކުލަވާލި ރިޕޯޓް ކޮމެޓީއިން ވަނީ ފާސްކޮށްފަ އެވެ. އަދި ރައީސް ސޯލިހު އަންގަވައިގެން ކުރިއަށް ގެންދިޔަ އިންޓެލިޖެންސް އިންކުއަރީވެސް ވަނީ ނިންމާލާފައި ރިޕޯޓްވެސް ރައީސާ ހިއްސާ ކުރައްވާފަ އެވެ.