ރިމޯޓް ކާރާއި ޕްލާސްޓިކުން ހަދާފައި ހުންނަ ކުޅޭ ހެވީ ވެހިކަލްތަކަށް ގިނަ ކުޑަކުދިން ވަރަށް ފަރިތަ އެވެ. ނަމަވެސް އަސްލު ހެވީ ވެހިކަލެއް ބޭނުންކުރި ކުޑަ ކުއްޖެއްގެ މިފަދަ އާދަޔާ ހިލާފު މޮޅު ހުނަރެއް މީގެ ކުރިން ފެނިފައެއް ނުވެ އެވެ.
އެކަމަކު މިއީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަސްލު ވީޑިއޯއެކެވެ. އެ ފެންނަނީ ނުވަ އަހަރުގެ ކުޑަ ކުއްޖަކު އެކްސްކެވޭޓަރެއް އޮޕަރޭޓްކުރާ މަންޒަރެވެ. ނުހަނު ފަރިތަކަމާއި ފަސޭހަކަމާއެކު ހަނި ދިގު ކޯރެއް ކޮންނަމުންދަނިކޮށެވެ. އެކްސްޓަވޭޓަރުން އެ މަސައްކަތްކުރަން އޭނާގެ ހުނަރު ހައިރާން ވާހާ މޮޅެވެ.
އެކްސްކަވޭޓަރަކުން ހަނި ދިގުކޮށް، އެއް މިނަކަށް ކޯރެއް ކޮނުމަކީ ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެއީ އުނދަގޫ މަސައްކަތެކެވެ. ފަރިތަކަށްކޮށް އެކަން ކުރަން ލައްކަ ގިނަ ދުވަހުގެ ޕްރެކްޓިސް ބޭނުންވާނެ އެވެ.
ނަމަވެސް މި ވީޑިއޯއިން ފެންނަ ކުޑަކުއްޖަކީ ފުވައްމުލަކަށް ނިސްބަތްވާ އަހްމަދު އަލްސަން އާސިފް 9، އެވެ. އެ ވީޑިއޯ ކޮށްފައިވަނީ އޭނާގެ ބައްޕަ މުހައްމަދު އާސިފް އެވެ.
އާސިފްއަކީ ފުވައްމުލަކު ދޫނޑިގަމު ބަނދަރު ސަރަހައްދުގައި ހަދާ ޓާފް ދަނޑުގެ ސައިޓް މެނޭޖަރެވެ. އެގޮތުގެ މަތިން އެ ސަރަހައްދުގައި ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެ އުޅެ އެވެ.
ކުޑަ ކުޑަ އަލްސަން އޭނާގެ ބައްޕަ އެކްސެވޭޓަރެއް އޮޕަރޭޓްކުރާތަން ފެނުނީ މީގެ ދެތިން ދުވަސް ކުރިންނެވެ. މަންމައާއެކު ދުއްވާލަން ނުކުމެ ބައްޕަ މަސައްކަތްކުރާ ހިސާބަށް ގޮސް އެކްސްކަވޭޓަރުގައި އެކްސްކެވޭޓަރު އޮޕަރޭޓްކުރާ ގޮތް ދަސް ކުރުމަށް ބައްޕައާއެކު އެ ދުވަހު އޭނާ ވަގުތުކޮޅެއް ހޭދަ ކުރި އެވެ.
"ވިއްސަކަށް މިނެޓް އަހަރެންނާއެކު އޭނާ އެކްސްޓަވޭޓަރުގައި އެ ދުވަހު ހޭދަކުރި. އޭރު ކޮންމެ ވެސް ވަރަކަށް ސުވާލުކުރި ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ކުރަން ދަންނަ ކަމެއް ނުދެނެ ހުރިން،" އާސިފް "ހުރިހާ"އާ ވާހަކަދައްކަމުން ބުންޏެވެ.
އޭގެ ޖެހިގެން އައި ދުވަހު އާސިފް މަސައްކަތްކުރާ ތަނަށް އަލްސަން ގޮސް ބައްޕަ ކައިރިން އެދުނީ އެކްސްކަވޭޓަރުން ފޭބުމަށެވެ. ކީއްކުރަންތޯ އާސިފް ސުވާލު ކުރުމުން އަލްސާން ބުނީ އަލްސާން އެތަން ކޮންނަން ވެގެން ކަމަށެވެ.
"އައިސް ބުނީ ހަމަ ބައްޕަ އެކްސްކަވޭޓަރުން ފައިބާށޭ. ކީއްކުރަންހޭ އެހީމަ ބުނީ ކޮންނަން ވެެގެންނޭ،" އާސިފް ބުންޏެވެ.
ދަރިފުޅުގެ އެދުމުގެ މަތިން އާސިފް އެކްސަވޭޓަރުން ފައިބައި ފުރުސަތު ދިނީ އޭނާ ހަދާ ގޮތެއް ބަލާލުމަށެވެ. ނަމަވެސް ނުހަނު ފަރިތަ ކަމާއެކު އެކްސްކަވޭޓަރު އޮޕަރޭޓްކުރަން ފެނުމުން އާސިފް ވެސް ހުރީ ހައިރާންވެފަ އެވެ.
"ކޯރުކޮންނަން ދަމާފައިވާ ކަންވާރުގެ ދިގަށް ހަމަ އެ ފުންމިނަށް އެ ކޮނެލި. އެއީ އެންމެ ދުވަހަކުން މީހަކަށް ދަސްވާނެ ކަމެއް ނޫން،" އާސިފް ބުންޏެވެ. "މިތަނުގައި ވެހިކަލް ދުއްވާ ދެ މުވައްޒަފުންނަށް ވެސް އަދިވެސް އެ އުޅެނީ ރަނގަޅަށް މީގެއިން މަސައްކަތްކުރަން ނޭނގިގެން."
ސްކޫލުގެ ގްރޭޑް ތިނެއްގައި ކިޔަވަމުން އަންނަ އަލްސަން އެކްސްކެވޭޓަރު އޮޕަރޭޓްކުރާ މަންޒަރު ފެންނަ ވީޑިއޯ އާސިފްގެ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާާއެކު ގިނަ ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ވަނީ ލިބިފަ އެވެ.
އޭގެ ފަހުން އިއްޔެ ވެސް އަލްސަން ވަނީ ބައްޕައާއެކު މަސައްކަތަށް ގޮސް ކޯރު ކޮނުމުގައި ބައްޕައަށް އެހީވެދީފަ އެވެ. "ހުރިހާ" އިން އާސިފްގެ އިންޓަވިއުއަށް ގުޅާލިއިރު ވެސް އަލްސަން ދިޔައީ އެކްސްކަވޭޓަރުން މަސައްކަތް ކުރުމަށެވެ.
"އެންމެ ފަސްގަނޑު ހަރު ހިސާބުތައް ވެސް ކޮނުނީ އަލްސަން. ޖުމްލަ ވިހި މީޓަރު ކޮނެފި މިހާރު ވެސް،" އާސިފް ބުންޏެވެ.
ހެވީ ވެހިކަލްތަކާއި އެނޫން ވެސް ވެހިކަލްތައް އޮޕަރޭޓްކުރަން ކުޅަދާނަ، އާސިފް ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ކުޅެން އުޅުމުގައި ވެސް ހެވީ ވެހިކަލްއަށް އެހާ ޝައުގު ހުންނަ ކުއްޖެއް ނޫން ކަމަށެވެ. ނަމަވެސް ރޭސް ކާރު ފަދަ ތަކެއްޗަށް އަލްސަން ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށް އާސިފް ބުންޏެވެ.
"ނަމަވެސް މިކަން ކުރަން އޭނާ ދަސްކުރި ގޮތެއް ނޭނގެ. އަހަރެން ވެސް މިހިރީ ހައިރާންވެފައި އަލްސަން މިހާ މޮޅަށް ކުރަން ދަސްކުރި ގޮތެއް ނޭނގުމުން،" އޭނާ ބުންޏެވެ.