ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވެ، ސިޔާސީ ޕާޓީއެއް ހައްދަވަން އުޅުއްވާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރުޅިގަދަވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ޓެލެގްރާމް ގްރޫޕުގައި އެ ޕާޓީގެ ކުރީގެ ޒުވާނުން ގޮފީގެ ރައީސް މޫސާ އަންވަރު ވަނީ އޭނާ ކުރެއްވި ޓުވީޓެއް ހިއްސާ ކޮށްފަ އެވެ. އެ ޓުވީޓްގައި މޫސަ ފާޑު ކިޔާފައި ވަނީ އާ ސިޔާސީ ޕާޓީގެ މަސައްކަތަށް އަބްދުﷲ ރިޔާޒު ޖޭޕީން ވަކިވެވަޑައިގަންނަވާކަން ހާމަ ކުރެއްވުމުންނެވެ. މޫސަގެ ޓުވީޓްގައި ރިޔާޒަށް އަމާޒުކޮށް ވިދާޅުވީ "ބޯކޯ ހަރާމްގެ ނަމުގައި ޕާޓީއެއް ހަދަން" ފެންނަ ކަމަށެވެ. އަދި ރިޔާޒަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވެވަޑައިގެން އެ ޕާޓީއަށް ހަރާންކޯރުވި މެންބަރެއް ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ގާސިމް ވަނީ އެ ގުރޫޕަށް މަލާމާތުކުރުމުގެ ގޮތުން ހިނިގަނޑުގެ އިމޯޖީއެއް ފޮނުވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ ނާޒިމް ވެސް އެއީ ވަކި ކާކުތޯ މަލާމާތުގެ ރާގަކަށް ސުވާލުކޮށްފަ އެވެ.

ނާޒިމް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާއިރު، އޭނާ މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހު އޭނާ ވަނީ ގާސިމް އިބްރާހީމްގެ އެޑަވައިޒަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާޒް ވަނީ އިސްތިއުފާދެއްވިކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައިވާ ގޮތުން އޭނާ އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިންމާފައިވާތީ އެވެ.

ގާސިމާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން އޭނާއަށް ދިން އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިޚްލާސްތެރިކަމާއެކު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރިޔާޒާއި ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ކާނަލް ނާޒިމް ވިދާޅުވީ ޕާޓީ އުފެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް އެކަން އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އަލަށް އުފައްދާ ޕާޓީން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެ ކެންޑިޑޭޓް ވެގެންދާނީ ރައްޔިތުންގެ ތާއީދު އޮތް ކެންޑިޑޭޓަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިތުރު މެމްބަރުންތަކެއް އެ ޕާޓީއަށް ސޮއިކުރައްވަން ވަނީ ނިންމަވާފަ އެވެ.