ލޭގައި ހުންނަ ހަކުރުގެ މިންވަރު ބަލަން އިނގިލިތަކުގެ ކޮޅަށް ކަށިޖެހުމަކީ ޚާއްސަކޮށް ހަކުރު ބަލި ހުންނަ މީހުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ. އެއީ އެކަމަކީ އުނދަގޫ އަދި ތަދުވާ ކަމަކަށް ވާތީ އެވެ.

އޮސްޓްރޭލިއާގެ ސައިންޓިސްޓުންތަކެއް މިވަނީ މިފަދަ ޝަކުވާތަކަށް ހައްލެއް ހޯދަދީފަ އެވެ. ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ބަލަން ލޭގެ ބަދަލުގައި އިންސާނާގެ ކުޅު ބޭނުންކުރާ އީޖާދެއް މިވަނީ އުފައްދާފަ އެވެ.

ގަވާއިދުން ހަކުރު ބަލާ މީހުންނަށް މީ އުފާވެރި ހަބަރެކެވެ. މި އީޖާދާއެކު އިނގިލިތަކަށް ކަށި ޖަހަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ އެވެ.

މި ޓެސްޓަކީ ޓެސްޓް ކަރުދާސްކޮޅުގައި ގުލްކޯޒު ހުންނަ މިންވަރު ދެނެގަނެވޭ ގޮތަށް ޓްރާންސިސްޓަރެއް އެމްބެޑްކޮށްފައިވާ ޓެސްޓެކެވެ. މި ޓްރާންސްސިސްޓަރަކީ ދެލިން އެކުލެވޭ ޓްރާންސްސިސްޓަރެއްކަމުން މި ޓެސްޓް ކަރުދާސްތައް އުފެއްދުމުގެ ހަރަދު ވެސް ކުޑަވާނެ ކަމަށާއި އެހެންކަމުން އާއްމުންނަށް މި ޓެސްޓުތައް ލިބޭނެ އަގު ވެސް ކުޑަވާނެކަމަށް މި އުފެއްދުން އީޖާދުކުރި ސައިންސްވެރިންގެ ޓީމުން ބުނެފައިވެ އެވެ.

މި އީޖާދުގެ ސަބަބުން ތަދުނުވާ ގޮތަށް ހަކުރު ބަލީގެ ޓެސްޓު ކުރަން މަގުފަހި ވާނެ ކަމަށާއި މިއީ ހަކުރުބަލި ތަހައްމަލްކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އެ ޓީމުން ބުނެފައިވެ އެވެ.

ސައިންސްވެރިން އަންނަނީ މި އުކުޅު ބޭނުންކޮށްގެން ކޮވިޑް-19 އާއި ކެންސަރު ފަދަ ބަލިތަކަށް ވެސް ޓެސްޓްކުރެވޭނެ އީޖާދެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންނެވެ.