ކުއަލަލަމްޕޫރު (14 ޖުލައި) - މެލޭޝިއާގައި ކޮވިޑް -19ގެ ހާލަތު ގޯސްވަމުން ދިއުމާއެކު ކޭސްތައް އިތުރުވެ، ހޮސްޕިޓަލްތައް ފުރުމުގެ ސަބަބުން މީހުން އެނދުމަތި ކޮށްގެން ފަރުވާކުރަން އެ ގައުމުގެ ހޮޓަލްތައް ބޭނުންކުރަން ފަށައިފި އެވެ.

ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވެފައި ވާތީ މެލޭޝިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ އިތުރު ހޮޓަލްތައް ކޮވިޑް ފެސިލިޓީތަކަށް ހެދުމަށް ސަރުކާރަށް ގޮވާލާފަ އެވެ. މިއީ ކޮވިޑްގެ ސަބަބުން ވިޔަފާރިއަށް އަސަރުކޮށްފައިވާ ހޮޓަލްތަކަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް އިދިކޮޅުން ބުނެ އެވެ.

އެ ގައުމުގައި ކޮވިޑްގެ ކޭސްތައް ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައިވާއިރު، ހޮސްޕިޓަލްތަކާއި ކަރަންޓީން ސެންޓަރުތައް ފުރިފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ އާއްމުވަމުންނެވެ.

މީގެ ކުރިން ބޭރު ގައުމުތަކުން މެލޭޝިއާއަށް އަންނަ މީހުން ކަރަންޓީނުވާން ހޮޓަލްތައް ބޭނުންކުރި ނަމަވެސް ބަލި މީހުންނަށް ފަރުވާ ދިނުމަށް އެތަންތަން ބޭނުން ކުރަން ފެށީ އަލަށެވެ.

މެލޭޝިއާގެ ސިއްހީ މާހިރުން ބުނާގޮތުގައި ކޮވިޑް ފެސިލިޓީގެ ގޮތުގައި ހޮޓަލްތައް ބޭނުންކުރުމަކީ ހޮސްޕިޓަލްތަކުގައި ތޮއްނުޖެހި ސިއްހީ ހިދުމަތް ހޯދޭނެ ގޮތެކެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ހޯދުމުގައި ގިނަ ލުއިތަކެއްވާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވެ އެވެ.

މިހާތަނަށް މެލޭޝިއާގައި 867،567 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 6،503 މީހަކު ވަނީ މިބަލީގައި މަރުވެފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް