ހުޅުލާމޭ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތައް ދިނުމުގައި ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ބެލިއިރު އޭގައި އިހުމާލުވެފައިވާ އެތައް ބައެއްގެ ތަފުސީލުތައް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފި އެވެ.

ފެލެޓް ދީފައިވާ ގޮތް ބެލުމަށް މި ސަރުކާރުން ވަނީ ކޮމިޓީއެއް އެކުލަވައިލަފަ އެވެ. ކޮމިޓީއަށް ފާހަގަވެފައިވާ އިހުމާލުތަކުގެ ތަފުސީލުތައް ފޮނުވަން އެދުނީ އޭސީސީންނެވެ. ކޮމިޓީން މިހާރު ވަރަށް ގިނަ ކަންކަން އޭސީސީއާ ހިއްސާކޮށްފަ އެވެ. ނަމަވެސް މީޑިއާތަކަށް އަދި އެކަމާ ގުޅުންހުރި މާބޮޑު މައުލޫމާތެއް ހިއްސާ ނުކުރެ އެވެ.

ހިޔާ ފްލެޓްތައް ދިނުމުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ ހައުސިން މިނިސްޓްރީންނެވެ. ކޮމިޓީން އޭސީސީއަށް ފޮނުވި ބައެއް ތަފްސީލުތަކުން އެގޭގޮތުގައި ފްލެޓްތައް ދިނުމުގައި އެކި ސްޓޭޖްތަކުގައި ވެފައިވާ އިހުމާލުތައް ސާފުކޮށް ފެންނަން ހުއްޓެވެ. އަދި ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒިފުން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވެސް ބަޔަކަށް ފްލެޓް ހޯދައިދީފަ އެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ދައުވާކުރާނީ އަދި ކުރާނެ ދައުވާތައް ކަނޑައަޅާނީ އޭސީސީންނެވެ.

މިކަމުގެ ތަފްސީލު ހޯދަން އޭސީސީ އާއި ރައީސް ފްލެޓް ކޮމިޓީގެ ބަހެއް ލިބޭތޯ "ހުރިހާ"އިން ވަނީ މަސައްކަތްކޮށްފަ އެވެ.