މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބްލޫ އޮރިޖިންސްގެ ފުރަތަމަ ޖައްވީ ދަތުރުގައި ބިލިއަނަރު ޖެފް ބެޒޯސް އާއެކު، 18 އަހަރުގެ ފިޒިކްސް ކިޔަވަމުން އަންނަ ދަރިވަރެއް ބައިވެރިވާނެ ކަމަށް އިއުލާނު ކޮށްފި އެވެ.
މި ކުއްޖާ ޖައްވީ ދަތުރުން ޖާގަ ހޯދާފައި ވަނީ އެ ދަތުރުގެ ޖާގައެއް ހޯދުމަށް ނީލަމުގައި 28 މިލިއަން ޑޮލަރު ހުށަހެޅި މީހެއްގެ ބަދަލުގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބްލޫ އޮރިޖިންސް އިން ބުނެފައި ވަނީ އޮލިވާ ޑީމަން ނަމަަކަށް ކިޔާ މި ކުއްޖާއަށް ހަތަރު މީހުންގެ ޖާގައިގެ އެ އުޅަނދުން ފުރުސަތު ދިނީ ނީލަން ކާމިޔާބުކުރި މީހާ އާއި ދެމެދު އުފެދުނު ޝެޑިއުލްގެ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ. މިއާއެކު ޑީމަން ވެގެންދާނީ އަގު ދައްކައިގެން ބުލޫ އޮރިޖިންސްގެ ދަތުރުގައި ބައިވެރިވާ ފުރަތަމަ ކަސްޓަމަރަށެވެ.
މިއާއެކު އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ބައިވެރި ވާނީ ބްލޫ އޮރިޖިންސްގެ ވެރިޔާ ޖެފް ބެޒޯސް އާއި އޭނާގެ ކޮއްކޮގެ އިތުރުން އުމުރުން 82 އަހަރުގައި ޖައްވާށް ދަތުރުކުރާ އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށްވާ ވެލީ ފަންކް އާއި ޑީމަން އެވެ.
ޑީމަން އަކީ ޕައިލެޓްކަން ކިޔަވަމުން އަންނަ ދަރިވަރެއްގެ އިތުރުން އަންނަ ސެޕްޓެމްބަރު މަހު ޔުނިވާސިޓީ އޮފް އުޓްރެޗްގައި ފިޒިކްސް އެންޑްއިނޮވޭޝަން ކިޔެވުމަށް ތައްޔާރު ވަމުން އަންނަ ދަރިވަރެކެވެ.
ޖައްވީ ދަތުރެއްގައި ބައިވެރިވުމަކީ އޭނާގެ އެންމެ ކުޑައިރުގެ ވެސް ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ. ދަތުރުގައި ބައިވެރިވުމަށް އޭނާ ދެއްކި އަގަކީ ކޮބައިކަމެއް ބްލޫ އޮރިޖިންސް އިން ހާމައެއް ނުކުރެ އެވެ.
އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އޭނާގެ ފުރަތަމަ ޖައްވީ ދަތުރަށް ތައްޔާރުވަމުން އަންނައިރު އޭނާގެ ވާދަވެރިއެއް ކަމަށްވާ ރިޗާޑް ބްރޭންސަށް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އޭނާގެ ކުންފުނި ކަމަށްވާ ވާޖިން ގެލެކްޓިކްގެ އުނޅަދެއްގައި ޖައްވަށް ދަތުރުކޮށްފަ އެވެ.