ސޯޝަލް މީޑިއާގައި މި ދެ ދުވަހު އާންމުންގެ ސަމާލުކަން ދަމައިގަތް އެއް ފޮޓޯއަކީ އެމްއެންޑީއެފްގެ ކާސްޓްގާޑު ލޯންޗެއްގައި ބިދޭސީންތަކެއް ތިބި މަންޒަރު ފެންނަ ފޮޓޯއެކެވެ. އެއީ އެއް ބަޔަކަށް މައްސަލައަކަށް ނުވިޔަސް، އަނެއް ބަޔަކަށް މައްސަލައެކެވެ. ފޮޓޯގައި ތިބި ބިދޭސީންގެ މޫނު މަތިން ހިނިތުންވުމުގެ ކުލަތައް ފެންނާތީ، އެއީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިން ބައެއް ކަމަކަށް ބެލެވޭކަށް ނެތެވެ.

ކޯސްޓްގާޑުގެ ލޯންޗުތަކުގައި ގިނަ ފަހަރު، މީހުން އުފުލަނީ ބަޔަކު ހާލުގައި ޖެހިގެން ސަލާމަތް ކުރުމަށެވެ. ބައެއް ފަހަރު ބަލި މީހުން މާލެ ގެނެސްދިނުމުގައި ވެސް އެހީތެރިވެ އެވެ. އެކަމަކު، ފޮޓޯ އަށް އިންސާފު ކުރާ މީހުންގެ ނަޒަރުގައި މިހާރު އާންމުވެފައިވާ ފޮޓޯއިން ފެންނަނީ އެހެން މަންޒަރެކެވެ. ބިދޭސީން ތިބީ ގޯ ޕްރޯ އާއި ފޯނު ފަދަ އެއްޗެހި ހިފައިގެން "މަޖާ" ކުރުމުގަ އެވެ.

ހުޅުމާލެ ކައިރިން ކަނޑުމަތީގައި ލޯންޗު އޮއްވައި ނެގި ފޮޓޯ އެމްއެންޑީއެފް ސިފައިން ވެސް ތިބިއެވެ. އެ އުޅަނދުގައި 13 މީހަކު ތިބިއެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ފޮޓޯގައި ތިބީ އިންޑިއާ ބައެކެވެ. އެކަމަކު، އެއީ ހަގީގަތެއް ކަމެއް އެނގޭކަށް ނެތެވެ.

ފޮޓޯ އަށް ހިޔާލު ފާޅު ކުރާ ބައެއް މީހުން ބުނި ގޮތުގައި، އޭގައި ތިބި މީހުން "ހަވީރު ފިންޏަށް" ބުރު ޖަހަނީ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެމީހުން ގޮސް ތިބީ އެ ސަރަހައްދުން ފެންނަ ކޯމަސްތައް ބެލުމަށެވެ. އަނެއް ބަޔަކަށް، ގަބޫލު ކުރެވުނީ ސިފައިން "އަޅުވެތި"ވެފައިވާ މިންވަރެވެ.

ބައެއް އާންމުން އެ ފޮޓޯއާ މެދުގައި ޝަކުވާ ކުރަމުން އެހީ، ކޯސްޓްގާޑްގެ އުޅަނދުތަކުގައި މިގޮތަށް މަޖާ ކުރެވޭތޯ އެވެ. އަދި ތިމަންނަމެން އާއިލާ ގޮވައިގެން އެފަދަ ދަތުރެއް ކުރެވޭނެތޯ އަހާ މީހުންގެ ސުވާލުތައް ވެސް ވަކިން ގިނަ އެވެ.

ނަމަވެސް، މި ފޮޓޯގެ ހަގީގަތެއް އަދި ސާފެއް ނުވެ އެވެ.

އެމްއެންޑީއެފް މީޑިއާ ގުރޫޕުގައި ނޫސްވެރިން ތަކުރާރުކޮށް އެ ފޮޓޯއާ ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް ހަގީގަތެއް ބުނެ ނުދެ އެވެ.

މިފަދަ ފޮޓޯއެއް ދައުރުވާން ފަށާފައި މިވަނީ "އިންޑިއާ އައުޓް" ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، މީސްމީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ. މި ފޮޓޯ ދައުރުވާން ފެށީ، އެ ކެމްޕެއިންގެ އަޑު ކޮންމެވެސް ވަރަކަށް މަޑުވެފައި އޮއްވަ އެވެ. އެކަމަކު، އެ ފޮޓޯއާ އެކުގައި އަނެއްކާ ވެސް އެ އަޑުތައް ވަނީ ގަދަވާން ފަށައިފަ އެވެ.