ބެއިރޫތު (17 ޖުލައި) - ލުބްނާންގެ ބެއިރޫތުގެ ބަނދަރުގައި އޮތް ކާގޯ ބޯޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާއިރު ލުބުނާނުގެ ސިވިލް ޑިފެންސްގެ ޓީމުތަކުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ ބަނދަރުގައި މިދިޔަ އަހަރުވެސް ވަނީ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާފަ އެވެ. މިދިޔަ އަހަރު އޮގަސްޓް ހަތަރު ވަނަ ދުވަހު އެ ބަނދަރުގައި ގޮވި ބާރުގަދަ ގޮވުމެއްގެ ސަބަބުން ބެއިރޫތުގެ ބޮޑު ސަރަހައްދަކަށް ވަނީ ގިނަ ގެއްލުންތަކެއް ލިބިފަ އެވެ.

އެ ހާދިސާގައި 200 މީހުން މަރުވެ، އިތުރު 7500 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ.

މި ދެ ހާދިސާގެ އިތުރުން ވެސް އެ ގައުމުގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. މީގެ ތެރޭގައި ބާރުގަދަ ގޮވުންތައް ގޮވުމާއި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވެސް ހިމެނެ އެވެ.

ކޮވިޑްގެ ސަބަބުން އިގްތިސާދު ވަޅުގަނޑަކަށް ވެއްޓިފައި އޮތް ލުބުނާނަށް މި ހާދިސާތަކުގެ ސަބަބުން ވަނީ އިތުރު އިގްތިސާދީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. -- އަލް އަރަބިއްޔާ