ބައްޕަގެ ފިޔަވަޅު މަތިން ހިނގުމަކީ ކޮންމެ ދަރިއަކު ވެސް ބޭނުންވާނެ ކަމެކެވެ. ސައޫދީ އަރަބިއާގެ ޒުވާން އަންހެނެއް ކަަމަށްވާ ޖަވާހަރް އަލް ޝައްމާރީ ވަނީ އަސްކަރިއްޔާގެ ޔުނީފޯމަށާއި އެ އިދާރާގެ ޒިންމާތަކަށް އެންމެ ކުޑައިރު ވެސް ހިތްޖެހިފަ އެވެ. ބައްޕަ އެ ޚިދުމަތުގައި އުޅުނު މަންޒަރު ފެނިގެންނެވެ.
މިއަދު ޖަވާހިރްއަކީ މިހާރު ކުރިއަށްދާ މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ހަރަކާތްތެރިވާ ސައޫދީ އަރަބިއާގެ ސިވިލް ޑިފެންސް ޑިރެކްޓަރޭޓްގެ އިސް އޮފިސަރެކެވެ.
ޖަވާހިރް ބުނި ގޮތުގައި އޭނާ ސަލާމަތީ ޚިދުމަތްތަކާ ގުޅުނީ އޭނާގެ ގައުމަށާއި ދީނަށް ޚިދުމަތް ކުރުމުގެ ބޭނުމުގައި ކަމަށާއި ބައްޕަގެ ނަމޫނާއިން ހިތްވަރު ލިބިގެންނެވެ.
މި ހައްޖު މޫސުމުގައި ޖަވާހިރް އާއި އޭނާގެ ޓީމުގެ މަސައްކަތަކީ ހައްޖުވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމާއި ދިމާވެދާނެ ކުއްލި ހާލަތެއްގައި އެންމެ ގާތުން އެހީވުމެވެ.
"ހައްޖުވެރިންގެ ކޭމްޕުތަކުގެ ސަލާމަތީ ކަންކަން ޔަގީންކުރުމަށް ކަރަންޓާއި އަލިފާނުގެ ހާދިސާއަކަށް މަގުފަހި ވެދާނެ ކަމެއް ހުރިތޯ ބަލަން ޖެހޭނެ،" އޭނާ ބުންޏެވެ.
ފިރިހެނުންގެ ހިއްސާ ބޮޑު ސައުދީ އަރަބިއާގެ ސިވިލް ޑިފެންސްގައި ޖަވާހިރް ފަދަ އެއިދާރާގެ އަންހެން އޮފިސަރުން އަންނަނީ ނަމޫނާ ދައްކަމުންނެވެ. އަންހެނުންގެ ހައްގުތައް ހިފެހެއްޓިފައި އޮތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ސައޫދީގައި މިއަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސިވިލް ޑިފެންސްއިން ބޭއްވި ބްރީފިން ވެސް މިއަހަރު އިސްވެ ކުރިއަށް ގެންގޮސްފައި ވަނީ އަންހެން އޮފިސަރެކެވެ.
ހައްޖުގެ އަޅުކަން ނިމެންދެން އޭނާ އާއި އޭނާގެ ޓީމް ދެމިތިބޭނެ ކަމަށް ޖަވާހިރް ބުންޏެވެ. ހައްޖުވެރިންނަށް ކުރިމަތި ވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްކޮށްދިނުމަކީ އެ ޓީމްގެ އަޒުމު ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. -- އަލް އަރަބިއްޔާ