ގުޅިލާމެހި ބަވަނަވެފައިވާ ދުނިޔޭގައި އެއްވެސް ގައުމަކަށް ރާއްޖެ ނުހިފޭނެކަމަށް ކުރީގެ ދިފާއީ ވަޒީރު އަދި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު އުމަރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ރައްދުދެއްވައިފި އެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް މިހެން ވިދާޅުވީ އިންޑިޔާއިން ބޭނުންވެއްޖެނަމަ ހުރިހާ ދިވެހިން މަރާފައި ވެސް ދިވެހިރާއްޖެ ހިފިދާނެކަމަށް އިގްތިސާދީ ވަޒީރު ފައްޔާޒު ވިދާޅުވުމާ ގުޅިގެންނެވެ.

"އިންޑިއާއިން ދިވެހިރާއްޖެ ހިފައި އިންޑިއާގެ ދަށުކޮއްލަން ބޭނުންވެއްޖާމުން އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ސިފައިން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން މިދަންނަވަނީ. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ޤައުމެކޭ މިދަންނަވަނީ. އެއީ އަޅުގަނޑުމެން އެންމެން މަރާފައިވެސް އެމީހުން ބޭނުމިއްޔާ ކުރާނެއޭ" ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި ފައްޔާޒް ވިދާޅުވި އެވެ.

އިންޑިއާ ގުޅޭގޮތުން ގިނަ އަޑުތަކެއް ފެތުރިގެން އުޅޭ މިދުވަސްވަރު "އިންޑިއާއައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ބައެއް ދިވެހީން އަންނަނީ ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު ރާއްޖޭގައި މިވަގުތު ތިބީ ކިހާ ސިފައިންނެއްކަމެއް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ފައްޔާޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ވިދާޅުވެފައިވަނީ ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ ކަމަށެވެ. އަދި ހުރިހާ ދިވެހިން މަރާލުމަށްފަހު، އިންޑިޔާއިން ބޭނުންވެއްޖެނަމަ، ރާއްޖެ ހިފިދާނެ ކަމުގައި ސަރުކާރުން ބުނުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.