ޓެކްސަސް (20 ޖުލައި) - ބިލިއަނަރު ޖެފް ބެޒޯސް އޭނާގެ އަމިއްލަ ކުންފުނި ބްލޫ އޮރިޖިންސް އިން ޑިޒައިންކުރި ރޮކެޓް ޝިފް ކަމަށްވާ "ދަ ނިއު ޝެޕްހާޑް"ގެ ފުރަތަމަ ދަތުރުގައި ބައިވެރިވެ ޖައްވަށް ކުރި ދަތުރު ނިންމާލައިފި އެވެ.

ހަތަރު މީހުންގެ ޖާގައިގެ އެ އުޅަނދުގައި ޖެފްގެ އިތުރުން ބައިވެރިވީ އޭނާގެ ކޮއްކޮ މާކް ބެޒޯސްއާއި 82 އަހަރުގެ އެސްޓްރޮނޯޓަކާއި 18 އަހަރުގެ ދަރިވަރެކެވެ.

ނިއު ޝެޕްހާޑްއަކީ މިހާތަނަށް ޖައްވަށް ދަތުރުކުރި އުޅަނދެއްގައި ނެތްވަރުގެ ކުޑަދޮރުތަކަކާއެކު ޑިޒައިން ކުރެވިފައިވާ އުޅަނދެއް ކަމުން ޖައްވުގެ ތެރެއިން ދުނިޔޭގެ މަންޒަރުތައް ވަރަށް ރީތިކޮށް އެ ދަތުރުގެ ބައިވެރިންނަށް ފެންނާނެ އެވެ.

މި އުދަނދަކީ ތަރައްގީކުރުމުގެ މަރުހަލާގައިވާ ސްޕޭސް ޓޫރިޒަމް މާކެޓަށް ޚިދުމަތް ދިނުމުގެ އަމާޒުގައި ބްލޫ އޮރިޖިންސްއިން ތައްޔާރުކުރި އުޅަނދެކެވެ.

ބެޒޯސްއާއި އޭނާގެ ބައިވެރިން އެ ޖައްވީ ދަތުރު ފެށީ އިނގިރޭސިވިލާތުގެ ގަޑިން 2:12ގަ އެވެ. ޓެކްސަސްގައި ހުންނަ އެކުންފުނީގެ ޕްރައިވެޓް ލޯންޗިން ސައިޓަކުން ފެށި މި ދަތުރު ނިންމާލުމަށްފަހު އަނބުރާ ދުނިޔެއަށް އައިސްފައިވަނީ އޭގެ 11 މިނެޓު ފަހުންނެވެ.

މި ދަތުރުގައި ބައިވެރިންނަށް ހަތަރު މިނެޓު ގްރެވިޓީއާނުލައި ހޭދަކުރަން ލިބުނު އިރު އެމީހުންނަށް ޖައްވުގެ ތެރެއިން ދުނިޔޭގެ ހިތްގައިމު މަންޒަރު ބަލާލަން ފުރުސަތު ލިބުނެވެ.

ޖެފް ބެޒޯސް މިއަދު ޖައްވަށް ގޮސްފައިވާއރު ބިލިއަނަރު ރިޗާޑު ބްރޭންސަން ވަނީ މިދިޔަ ހަފްތާ ތެރޭގައި އޭނާގެ ކުންފުނި ކަމަށްވާ ވާޖިން ގެލެކްޓިކްގެ ދަ ޔުނިޓީ އެއާ ކްރާފްޓްގައި ޖައްވަށް ގޮސް ޖައްވަށް ދިޔަ އެންމެ ފުރަތަމަ ބިލިއަނަރުގެ މަގާމު ހޯދާފަ އެވެ.