ޕެރިސް (23 ޖުލައި) - މި އަހަރުގެ ފިނި މޫސުމުގެ ތެރޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓެއް ފެނުން ގާތް ކަމަށް ފްރާންސްގެ މާހިރަކު ވިދާޅުވެއްޖެ އެވެ.

ފްރާންސް ސަރުކާރުގެ ސައިންޓިފިކް ކައުންސިލްގެ ވެރިޔާ ޑރ. ޖީން ފްރާާންސޮއިސް ޑެލްފްރެއިސީ ވިދާޅުވީ މި އަހަރުގެ ފިނި މޫސުމުގައި ދުނިޔެއިން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނުން އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ވޭރިއަންޓްގެ ސަބަބުން ދުނިޔެއަށް އަންނާނެ ބަދަލެއް އަންދާޒާ ކުރަން ދަތި ކަމަށާއި މިހާރަށް ވުރެ ނުރައްކާތެރި ހާލަތެއް އަތުވެދާނެ ކަމަށް ވެސް ބުނަން ނޭނގޭ ކަމަށެވެ.

މި ކަމުގެ ސަބަބުން ޑރ. ޖީން ވަނީ ފްރާންސްގެ ރައްޔިތުން އިޖުތިމާއީ ގައިދުރުކަމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ދެމެހެއްޓުމަށް އިލްތިމާސް ކޮށްފަ އެވެ.

ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވެކްސިން ނުޖަހާ އާބާދީއާއި ވެކްސިން ޖަހާފައިވާ އާބާދީއަށް އެއްވަރެއްގެ ރައްކާތެރިކަން ފޯރުކޮށް ދިނުން ކަމަށް ވެސް ޑރ ޖީން ވިދާޅުވި އެވެ.

ފްރާންސްގައި ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޭސްތައް އިތުރުވެފައިވާއިރު ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފަ އެވެ.-- ދަ ސްޓްރެއިޓް ޓައިމްސް